ނަބިއްޔާގެ ދިފާއުގައި ޕީޕީއެމް އިން ޖަލްސާއެއް ބާއްވަނީ

އިންޑިއާގެ ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލް (ސ.އ.ވ) އަށް ފުރައްސާރަކކޮށް ހިންގާފައިވާ މުޑުދާރު އަމަލާ ދެކޮޅަށް އެކަލޭގެފަަނުގެ ދިފާއުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަން އިދިކޮޅު ޕީޕީއެމް އިން އިއުލާންކޮށްފިއެވެ.
މިކަން ހާމަކޮށް އެޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. ޝަޙީމް އަލީ ސައީދު ވިދާޅުވީ ނަބިއްޔާ (ސ.އ.ވ) އަށް ފުރައްސާރަކޮށް އެކަލޭގެ ފާނުގެ ޝަހްސު ތައުހީނުކޮށް ހިންގާފައިވާ މުޑުދާރު އަމަލު އެޕާޓީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަލޭގެފާނަށް ނަސްރުދިނުމުގެ ގޮތުން އެޕާޓީއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 08:30 ގައެވެ. ޖަލްސާ ބާއްވާނެ ތަނެއް އަދި އިއުލާނެއް ނުކުރެއެވެ.
ބީޖޭޕީގެ ސްޕޯކްސްޕަރސަން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ގުޅިގެން ނެރެފައިވަނީ ފިނި ބަޔާނެކެވެ.