ޚަބަރުސިޔާސީ

އައްޑޫ ސިޓީން ފެނުގެ ޚިދުމަތް ކެނޑިފައި

އައްޑޫ ސިޓީން ފެނުގެ ޚިދުމަތް ކެނޑިފައި އޮންނަތާ ދެ ދުވަސް ވަނީ ފާއިތުވެފައެވެ.

އައްޑޫ ސިޓީން ފެނުގެ ޚިދުމަތް ކެނޑިފައިވަނީ ހިތަދޫއަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އާރްއޯ ޕްލާންޓު މަރާމާތުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެންގި ގޮތަށް އެކަން ނުކޮށް އޮތުމުން ކަމުގައި މައުލޫމާތު ވަނީ ލިބިފައެވެ. އަދި ކުރިމަތިވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އަތޮޅެވެ.

އައްޑޫ ފެން ޕްލާންޓުން ފެން އުފެއްދުން ހުއްޓުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ. ފެން އުފެއްދުން ހުއްޓުނީ ފެން ޕްލާންޓުގައި ބޭނުންކުރާ މުހިއްމު އާލަތެއްކަމަށްވާ ވޭރިއަބަލް ފްރިކުއެންސީ ޑްރައިވް (ވީއެފްޑީ)ގެ މައްސަލައެއް ޖެހިގެންނެވެ. އެއާއެކު މައްސަލަ މެދުވެރިވީ ކީއްވެގެންކަން ދެނެގަތުމަށް ފެނަކައިގެ މުވައްޒަފުން މަސައްކަތް ފެށިކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ވީއެފްޑީގައި މައްސަލައެއް އުޅޭކަން ކަށަވަރުވުމުން އޭގެ ސެލްފް ޑައޮގްނައިސިސްއެއް ހެދުމުގެ މަސައްކަތް ފެށި ނަމަވެސް އެ މަސައްކަތްކުރަން ބެލިއިރު ހިތަދޫގައި ހުރި ވީއެފްޑީގެ ސްކްރީން ހުރީ ތަޅައިގެން ގޮސްފައެވެ. ދެން ޖެހުނީ އައްޑޫ ހުޅުދޫގައި ބޭނުންކުރާ ވީއެފްޑީގެ ސްކްރީން ގެނެސްގެން ސެލްފް ޑައެގްނޮސިސް ހަދާށެވެ.

ސެލްފް ޑައެގްނޮސިސް ހެދުމަށްފަހު، ފެނަކައިގެ ފަންނީ މުވައްޒަފުންނަށް ޤަބޫލުކުރެވުނީ ވީއެފްޑީ ބަދަލުކުރަންޖެހޭނެ ކަމަށެވެ. މުއާޒު ވިދާޅުވި ގޮތުގައި ވީއެފްޑީއެއް ރާއްޖެއިން ގަންނަން ބެލިއިރު ހިތަދޫ އާރްއޯ ޕްލާންޓުގައި ބޭނުންކުރާ ސައިޒުގެ ވީއެފްޑީއެއް ރާއްޖެއިން ލިބޭކަށް ނެތެވެ.

އެހިސާބުން އެމްޑަބްލިއުއެސްސީއަށް ގުޅައިގެން އެ ކުންފުނީގެ ގުޅީފަޅު ސައިޓުގައި ބޭނުންކުރާ ވީއެފްޑީ އައްޑޫއަށް ގެންދިއުުގެ މަސައްކަތް ފެށިއެވެ. ވީއެފްޑީ ފުލައިޓަށް އެރުވުނީ މެންދުރެވެ. ނަމަވެސް ވީއެފްޑީ ބަރުވެގެން ބާލަންޖެހުމުން ވީއެފްޑީ އައްޑޫއަށް ގެންދެވުނު އިރު ހަވީރު ވެއްޖެއެވެ. ވީއެފްޑީ ހަރުކޮށް ޓެސްޓުކުރެވުނު އިރު ރޭގަނޑުވެއްޖެއެވެ. ނަމަވެސް އެ ވީއެފްޑީގައި ވެސް މައްސަލައެއް ޖެހިގެން އިތުރު ވީއެފްޑީއެއް ހޯދުމުގެ މަސައްކަތް ކުރަން ޖެހުނެވެ.

އެމްޑަބްލިއުއެސްސީގެ އެންޖިނިއަރަކާއި، ވީއެފްޑީއެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނި ކުރަމުންނެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި އަހަރުގެ އޭޕްރީލް މަހުގައި އައްޑޫ ސިޓީގައި ފެނަކައިން ހިންގާ ފެނާއި ނަރުދަމާގެ ނިޒާމުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު، ގިނަ މައްސަލަތަކެއް ފާހަގަކޮށް ހައްލުކުރަން ވަނީ އަންގާފައެވެ. އެގޮތުން އޭޕްރީލް 30 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ރިޕޯޓުގައި ފާހަގަކުރި މައްސަލަތައް ހައްލުކުރަން ފެނަކައަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

އައްޑޫ ހިތަދޫ ފެނުގެ ނިޒާމާ ގުޅޭ ގޮތުން ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ؛

  • އާރްއޯ ޕްލާންޓުގައި ހުރި ލީކުތައް މަރާމާތުކުރުމާއި، 2 އާރުއޯ ޕްލާންޓު ބޭނުންކުރަން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން،
  • އާރްއޯ ޕްލާންޓުގެ ޕެނަލް ކެލިބަރޭޓުކޮށް، ޑިސްޓްރިބިއުޝަން ޕަމްޕުތައް މަރާމާތުކޮށް ޓްރާންސްފާ ޕަމްޕުތަކަށް ބޭނުންވާ ސްޕެއާ ޕާޓުތައް ހޯދައި، ހައި ޕްރެޝާ ޕަމްޕު ބަދަލުކުރުން،
  • ފަޔާ ސޭފްޓީ އާލާތްތައް ހަމަކުރުން
  • ސްޓްރޭޖު ރޫމެއް ހެދުމާއި، ފެން ރައްކާކޮށް ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ ޓޭންކުތަކުގެ ތެރެއިން މައްސަލަ ޖެހިފައިވާ ޓޭންކު މަރާމާތުކުރުން  ހިމެނެއެވެ.

ފެނަކަ ކޯޕަރޭޝަނަށް އަލަށް އައްޔަން ކުރެވުނު އެމްޑީ މުއާޒު ވިދާޅުވި ގޮތުގައި، އައު މެނޭޖުމެންޓު ކުންފުނި ހިންގުމާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފާހަގަކުރި ގިނަ މައްސަލަތައް ހުރީ ހައްލުނުކޮށް، ކުރަންޖެހޭ މަރާމާތުތައް ހުރީ ނުކޮށެވެ. މިހާރު ދިމާވެފައިވާ މައްސަލައަކީ ވެސް އެފަދައިން ކުރަންޖެހިފައި ހުރި މަރާމާތުތައް ބަރާބަރަށް ނުކޮށް ދިގުލައިގެން ގޮސްފައިވުމުން ކުރިމަތިވި މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، މަރާމާތުތައްކޮށް، ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތައް ރަނގަޅަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ފެނަކައިން ދޭ ޚިދުމަތުގެ ފެންވަރު ކަށަވަރުކޮށް އެކަމުގެ ޔަގީންކަން މުއާޒު ވަނީ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button