ޚަބަރު

މިއަދުގެ ސައިކަލު ބުރުގައި މޯދީގެ ފޮޓޯ އަންދާލައިފި

މިއަދު ހަވީރު 16:00 ގައި ފެށިގެން ކުރިއަށްދިޔަ “މަގޭ ނަބިއްޔާ” ސައިކަލު ބުރުގައި ހިންދޫ ހަރުކަށި ފިކުރުގެ ބޮޑެއް ކަމުގައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ އަންދާލައިފިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ މުހައްމަދު ﷺ އަށް ފުރައްސާރަ ކުރި މައްސަލައިގައި މިއަދު ކުރިޔަށް ދިޔަ ސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މޯދީގެ އިތުރުން ނުޕޫރު ޝަރުމާގެ ފޮޓޯގެ މަތީގައި ބޫޓު ކިބައެއް ކުރާހާފައިވާ ފޮޓޯވެސް އަންދާލިއެވެ.

ނުޕޫރު ޝަރުމާގެގެ ފޮޓޯ އަންދާލަނީ: ފޮޓޯ ޝަހީމް ބޮންތި

މި ސައިކަލު ބުރު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އަދި މަޖީދީމަގު ހުޅަނގުން އިރަށް ގޮސް، ސިނަމާލެ ބުރިޖު ކައިރިން ދުއްވަމުންގޮސް ނިންމާލީވެސް ރަސްފަންނަށެވެ.

ސައިކަލު ބުރުގެ ކަންކަން އަމާންކަމާއެކު ކުރިޔަށްދިޔައިރު މި ހަރާކަތަށް ފުލުހުން އެއްބާރުލުން ދީފައިވެއެވެ.

މޯދީ އާއި އޭނާގެ ބީޖޭޕީގެ އިސް ވެރިންނަކީ އިންޑިއާގެ ހިންދޫ ހަރުކަށި ޖަމާއަތެއް ކަމަށްވާ އާރު އެސްއެސްގެ މެންބަރުންނެވެ. އަދި ބީޖޭޕީ އިސްވެ އޮވެ އެގައުމުގެ މުސްލިމުން މަރާ ސުންނާފަތި ކުރަމުން ދާ ކަމަށާއި، އެފަދަ ބައެއްގެ ކޮންޓްރޯލް ދިވެހި ދައުލަތުގައި އޮތް ދަނޑިވަޅެއްގައި ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި މި ސައިކަލު ބުރު ނިންމާލަމުން އިންތިޒާމު ކުރި ފަރާތްތަކުން ދެއްކި ވާހަކައިން ފާހަގަވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button