ޚަބަރު

މިއަހަރު ޙައްޖުވުމުގެ ފުރުސަތު ހަމައެކެނި ސައުދީގެ ރަށްވެހިންނަށް

ހިނގަމުންމިދާ 1442 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކެނި ސައުދީޢަރަބިއްޔާގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

ސައުދީ ސަރުކާރާއި ހަވާލާދީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވއެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ 60،000 ޙައްޖާޖީންނަށެވެ. މި ފުރުސަތު ދޭން ހަމަޖެހިފައި ވިޔަސް، މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކެނި ސައުދީގެ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް އެކެންޏެވެ.

ސައުދީގެ ޙައްޖު މިނިސްޓްރީއިން މި ނިންމުން ނިންމާފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަދިވެސް ހުއްޓުމެއްނެތި ކޯވިޑް19 ފެތުރެމުން ދިޔުމާއި ގުޅިގެންނެވެ.

ކޯވިޑް19 ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރުމުގެ ކުރިން، 2019 ވަނަ އަހަރު 2.5މިލިއަން މުސްލިމުން ވަނީ މައްކާއަށް ގޮސް ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ. މިއާއި ޚިލާފަށް 2020 ވަނަ އަހަރު ކޯވިޑް19 މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން ދިޔުމާއި ގުޅިގެން ޙައްޖުގެ އަޅުކަން އަދާކުރީ އެއް ހާހެއްހާ ޙައްޖާޖީންނެވެ. ކޯވީޑްގެ ބަލިމަޑުކަމާއި ގުޅިގެން ޙަރަމްފުޅު ބަންދުކޮށްފައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. އުމްރާގެ އަޅުކަން 7 މަހަށް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button