މާމިގިލީ ރައްޔިތުން ރައީސް ސޯލިހާއި ގާސިމަށް ހޫނު މަރުހަބާއެއް ކީ ކަމަށް ބުނެ އޮޅުވާލައިފި

މާމިގިލީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ކޯލިޝަން ޕަރޓްނަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހޫނު މަރުހަބާއެއް ކީ ކަމަށް ބައެއް މީޑިއަަތަކުން ރިޕޯޓުކޮށްފައިވާ ވާހަކައަކީ ދޮގު ވާހަކައެއްކަން ހާމަވެއްޖެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބޮންތިއާ މައުލޫމާތު ހިއްސާކުރި މާމިގިލީ މީހަކު ބުނީ، ރައީސް ސޯލިހާއި ގާސިމް އިބްރާހީމަށް ރަތްދޫލައިގެ މަރުހަބާއެއް މާމިގިލިން އިއްޔެ ދިނީ ސަން އައިލެންޑުގެ މުވައްޒަފުންނާއި، އެއަރޕޯޓުގެ މުވައްޒަފުންގެ އިތުރުން ސިޔާސީ ކޮންމެވެސް މަންފާއެއް ލިބިފައިވާ އަދި ޖޭޕީއަށް ތާއީދުކުރާ މަދު މެންބަރުންތަކެއް ކަމަށެވެ. އަދި އެ މެންބަރުން ވަނީ ސިޔާސީ މިފަދަ ކަމެއްގައި ކުޑަކުދިން ބޭނުން ކޮށްފައެވެ.
މާމިގިލީގެ އެއްވެސް އާންމު ރައްޔިތަކު އެއަރޕޯޓަށް ނުދާ ކަމަށާއި، އެދެބޭފުޅުން އެއަރޕޯޓު ތެރެއިން ހަމައެކަނި ބައްދަލުކުރެއްވީވެސް މާމިގިލީ ކައުންސިލް މެންބަރުންނާއި ކަމަށް ބުންޏެވެ. ހަމަ އެހެންމެ އެ ދެބޭފުޅުން އެއަރޕޯޓުގެ ފެންސުން ބޭރުނުވެ، ސަން އައިލެންޑަށް ވަޑައިގަތީ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
އެފަރާތުން އިތުރަށް ފާހަގަކުރި ގޮތުގައު، މާމިގިލީގެ ރައްޔިތުންގެ މެދުގައި ރައީސް ސޯލިހާއި ގާސިމަށް އޮތް އިތުބާރު ވަނީ އެއްކޮށް ގެއްލިފައެވެ. އަދި 2023 ގެ އިންތިހާބަށް ކިތެންމެ ވަރަށް މަސައްކަތްކުރިއަސް މާމިގިލިން ކާމިޔާބެއް ނުލިބޭނެ ކަމަށް ބުންޏެވެ.
ރައީސް ސޯލިހާއި ގާސިމް މާމިގިއްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔައި ވީޑިއޯގައި 70 ވަރަކަށް މީހުން ތިބޭނެކަމަށް އަންދާޒާ ކުރެވެއެވެ.