ޚަބަރުސިޔާސީ

’ރާއްޖެ ކުޑަވުމަކީ ބުލީ ކުރަން ލިބޭ ހުއްދައެއް ނޫން‘: ރައީސް

ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ ”ބުލީ“ ކުރުމަށް އޮތް ހުއްދައެއް ނޫން ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު  ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައީސް މިގޮތަށް ރައްދު ދެއްވީ، އެ ގައުމުގެ ވާދަވެރިޔާ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައެވެ.

އެ ބަޔާނުގައި، ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާން ކުރެއްވުމަށް ފަހު، އިނގިރޭސި ބަހުން ރައީސް ވިދާޅުވީ، ”ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވް ޔޫ ދަ ލައިސެންސް ޓު ބުލީ އަސް“ ކަމަށެވެ.

އިންޑިއާގެ ނަން ހާމަ ނުކުރައްވާ ރައީސް ވިދާޅުވ ރާއްޖެ ކުޑަވިޔަސް އެއީ ދިވެހިން ބުލީގެ ޝިކާއަރަކަށް ހަދަން  އޮތް ހުއްދައެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި، ޗައިނާގެ ދަތުރުފުޅުގައި ނިންމި ކަންކަން ހާމަކުރެއްވުމަށް ފަހު ރައީސް ވަނީ، ޗައިނާއާ އެކު ގާތް ގުޅުމެއް އޮންނަ މައިގަނޑު އަސާސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެ ވާހަކަތަކުގައި އިންޑިއާގެ ނަން ނުގެންނެވިޔަސް، އެ ގައުމަށް ނުސީދާ ރައްދުތަކެއް ދެއްވިއެވެ.

ރަށްރަށުން މީހުން މާލެ ގެނައުމަށާއި ބަލިމީހުން އުފުލުމަށާއި ބޭހާއި ކާޑު ފަދަ އަސާސީ ބާވަތްތައް ގެނައުމުގައި ރާއްޖޭން ޒަމާނުއްސުރެ ބަރޯސާވެފައި ވަނީ އިންޑިއާއަށެވެ. ނަމަވެސް، ރައީސް މިއަދު ވިދާޅުވީ، އެ އެކަން ކަމުގައި ވެސް ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން، 1 މާޗުން ފެށިގެން ރާއްޖޭން އަމިއްލައަށް ސީ-އެމްބިއުލާންސް ތައާރަފް ކުރުމާއެކު، އިންޑިއާގެ އުޅަނދުތައް އެ މަސައްކަތުގައި ބޭނުން ނުކުރުމާއި، ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާއާއެކު  މަޝްވަރާކުރެވިފައިވާ ކަމަށާއި، ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި؛ އެ އެއްބަސްވުމުގެ ދަށުން ގަތް ފުރަތަމަ ޝިޕްމަންޓް އަންނަ މަހު އަންނާނެ ކަމަށާއި، އާދައިގެ ބޭސް އިންޑިއާ އިން ގެނައުން ހުއްޓާލުމަށް ޓަކައި، ސީދާ ޔޫރަޕް އަދި އެމެރިކާ އިން ބޭސް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

”އެހެންވީމަ، ވަކި ގައުމަކުން ބޭސް ގެނައުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ… އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނެސް“ ރައީސް ވިދާޅުވިއެވެ.

މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހި ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ވަށާލެވިފައިވާ ހުރިހާ ގައުމުތަކަށް ވެސް ނިސްބަތްވާ ކަނޑެއް.“ ރައީސް ޑރ. މުހައްމަދު މުއިއްޒު

ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ސުރުހީތަކާއި ދެ ގައުމުން މަޝްވަރާކުރި ބައެއް ކަންކަން ހާމަކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ، މި ގުޅުން ދެމި އޮތީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ.

1- އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމް ކުރުން (މިއުޗުއަލް ރެސްޕެކްޓް)
2- ސިޔާދަތީ ހަމަހަމަކަން (ސޮވެރިން އިކުއާލިޓީ)
3- ސަރަހައްދީ އިމަށް އިހްތިރާމްކުރުން (ޓެރިޓޯރިއަލް އިންޓަގްރިޓީ)
4- ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހުން (ނޮން-އިންްޓަފެއަރެންސް އިން އިންޓާނަލް މެޓާސް)

އެ އަސާސްތަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެ އޮތީ ވަރަށް ދުރުގައި ކަމަށާ އަދި ރާއްޖެއާ ބަލާއިރު އެ ގައުމަކީ ބާރުގެ ގޮތުންނާއި ސައިޒުގެ ގޮތުން ވެސް ބާރުގަދަ، ބޮޑު ގައުމެއް ކަމަށެވެ. ނަމަވެސް، ދެ ގައުމު ވެސް އެއް ގައުމު އަނެއް ގައުމާ ދޭތެރޭ ދެކެނީ ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމުގެ ނަޒަރަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

”ގައުމުގެ ސައިޒް ތަފާތު ވުމަކީ [ނުވަތަ] އެއް ގައުމު އަނެއް ގައުމަކީ ކައިރީގައި އޮތް ގައުމަކަށް ވުމުން އަދި ދުރުގައި އޮތް ގައުމަކުން ތަފާތު ކުރެވިގެން ނުވާނެ. ބޮޑު ގައުމުން، ކުޑަ ގައުމަށް ތަފާތުކޮށް ހިތައިގެން ނުވާނެކަން. އެ ޕްރިންސިޕަލް ރާއްޖެ އާއި ޗައިނާއާ ދެމެދު އޮވޭ،“ އިންޑިއާގެ ނަން ނުގެންނަވައި ރައީސް ވިދާޅުވިއެވެ.

ޓެރިޓޯރިއަލް އިންޓަގްރިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާގެ ’ވަން ޗައިނާ‘ ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކޮށް، އެ ކަމަށް ތާއީދު ކުރާ ކަމަށެވެ. ހަމަ އެގޮތަށް ޗައިނާ އިން ވެސް ރާއްޖޭގެ ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ތާއީދު ކުރާނެކަމުގައެވެ.

”އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު. ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ،“ ރައީސް ވިދާޅުވިއެވެ.

”މި ކަނޑަކީ މި ކަނޑު ވަށާލެވިފައިވާ ހުރިހާ ގައުމުތަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު މާ ބޮޑު.“ ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖެއަކީ ”ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫން“ ކަމަށެވެ. މިއީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

”އެހެންވީމަ، މި ޓެރިޓޯރިއަލް އިންޓަގްރިޓީގެ އަސާސާސަކީ ޗައިނާ އިން ވަރަށް ބޮޑަށް އިހުތިރާމް އަދާ ކުރާ އަސާސެއް،“ ރައީސް ވިދާޅުވިއެވެ.

އެންމެ ފަހު އަސާސްއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ އަމިއްލަ، އެތެރޭގެ ކަންކަމަށް ”ޗައިނާ އިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާ“ ކަމަށެވެ. ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުގައި އިންޑިއާ އިން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް، އެ ގައުމުގެ ނަން ނުގެންވަައި ނުސީދާކޮށް ރައީސް ތުހުމަތު ކުރެއްވިއެވެ.

”ދާދި ފަހަކާ ޖެހެންދެން  މިދިޔަ ސަރުކާރުގެ ދުވަސްވަރު، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ގޮސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،“ ރައީސް ވިދާޅުވިއެވެ.

އެ ހަތަރު އަސާސްގެ މައްޗަށް ޗައިނާއާ ގާތް ގުޅުމެއް މި ސަރުކާރުން ބާއްވަމުން އަންނައިރު، އެ ކަންކަމުގެ މައްޗަށް އެހެން ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުން މި ސަރުކާރުން ގާއިމް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button