ރިޕޯޓް

އިންޑިއާ މީހުންގެ ވޯކް ވިސާއަށް މެޑިކަލް ހައްދާކަށް ނުޖެހޭ، ބަލި އިންޕޯޓުކުރަނީ!

މިދުވަސްވަރަކީ މާލޭގައި އަނެއްކައިވެސް ރޯގާތަކާއި އެކިއެކި ބަލި ފެތުރެމުންދާ ދުވަސްވަރެކެވެ. އަދި ވަކިން ހާއްސަކޮށް އެޗްއައިވީއާއި، މަންކީޕޮކްސް ފަދަ ބަލިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެރުރެމުންދާއިރު، ބަލި ފެތުރުމަށް އެޅޭނެ އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ ގައުމަށް އެތެރެވާ މީހުން އެބަލިތަކަށް ޓެސްޓުކުރުމެވެ.

އެހެން ނަމަވެސް، އިންޑިއާއަށް ރާއްޖެއަށް އެތެރެވާ މަސައްކަތްތެރިން އެތެރެވަނީ އެއްވެސް މެޑިކަލް އަކާއި ނުލައެވެ. އަދި ބަލިތަކަށް ޓެސްޓުނުކޮށެވެ. ފާއިތުވެދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ވިސާއާއި ގުޅޭގޮތުން، އިމިގްރޭޝަނުން ނެރުނު ސާކިއުލަރ އެއްގައި ބުނާ ގޮތުގައި އިންޑިއާއިން އެތެރެވާ ފަރާތްތަކުގެ ވޯކް ވިސާ އަދި ބިޒްނަސް ވިސާއަށް މެޑިކަލްއެއް ބޭނުމެއް ނުވެއެވެ. ވީމާ މިހާރު ރާއްޖެ އެތެރެވާ އިންޑިއާގެ މަސައްކަތްތެރިން އެތެރެވަނީ މެޑިކަލް ނަހަދައި، ޖެހިފައިހުރި ބައްޔަކާއި އެކުއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ އިންޑިއާއިން ރާއްޖެ އެތެރެވާ މަސައްކަތްތެރިން އެތެރެކުރުމަށް އިމިގްރޭޝަނުންވެސް އަދި ސަރުކާރުންވެސް، އެއްވެސް އުސޫލެއް ހަމައެއް ނުގެންގުޅޭ ކަމަށެވެ. އަދި މިހާރުވެސް ހެޕަޓައިޓިސް-ބީ، ބައްޔަށް ޕޮސިޓިވް އެތައް ބަޔަކު ރާއްޖެ އެތެރެވެފައިވާ ކަމަށެވެ. އަދި އިތުރު ބަލިތައް ހުރި މީހުންވެސް ރާއްޖެ އެތެރެވެފައިވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖެ އެތެރެވުމަށްފަހު ޑޮކްޓަރަށް ދައްކައި ޓެސްޓުކުރުމުން އެތައް ބަޔަކު އެޗްއައިވީ އަށް ޕޮސިޓިވް ވަފައިވާ ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މިވާހަކަ ދެކެވެން ފެށުމުން ބައެއް މީޑިއާތަކުން ވަނީ މިކަން އޮޅުވާލަން މަސައްކަތްކޮށް، ވިސާ ހައްދާއިރު މެޑިކަލް ހަދަންޖެހޭކަމަށް ބުނެފައެވެ. އެހެން ނަމަވެސް އިންޑިއާއިން އެތެރެވާ ގިނަ މީހުންނަކީ ވޯކް ވިސާ އަދި ބިސްނަސް ވިސާގައި އެތެރެވާ މީހުންނެވެ. ވިމާ މި މީހުން އަދިވެސް މެޑިކަލް ހައްދާކަށް ނުޖެހެއެވެ.

އިންޑިއާއިން ރާއްޖެ އަންނަ މަސައްކަތްތެރިންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާއިރު، އެއްވެސް އުސޫލެއް ނެތި މިކަން ކުރުމަކީ ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަނެވި އަހަރެއް ނުވެ އުޅެނިކޮށް، މިކަމުގެ ސަބަބުން އިތުރު ސިއްޙީ ކާރިސާއެއް ކުރިމަތިވުން ވަރަށް ގާތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button