ޚަބަރު

ފޯކައިދޫއިން ގިނަ އަދަދެއްގެ ގަސް ނަގަންފަށައިފި، “ބިންކާ” ފާޅުވީބާ؟

ށ. ފޯކައިދޫއިން ގިނަ އަދަދެއްގެ ރުށްގަސް ނަގައި، ރަށުން ބޭރުކުރަމުންދާ ކަމުގެ ހަބަރު ލިބިއްޖެއެވެ.

ނަންހާމަނުކުރުމަށް ޝަރުތުކޮށް ”ބޮންތި“ އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް އިދާރާގެ މުވައްޒަފެއް ބުނީ އެރަށުގެ އެކި ސަރަހައްދުތަކުން ކަށިކެޔޮ ގަހާއި، ފުނަ ގަހާއި، ކުއްޅަވަށް ގަހާއި، ކަނޑޫގަސް އަދި ބަނބުކެޔޮ ގަސް ނަގަމުންދާ ކަމަށާއި، ގަސްތައް ނަގަނީ އެއްވެސް ފަރުވާލެއް ނެތި، ރަށުގެ ކަޅުފަހާއި، ކަނޑޫފަލުގެ ކިލަތަކާއި އެކީ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނި ގޮތުގައި މިއީ އެމްޓީސީސީ އާއި އީޕީއޭ އަދި އެރަށުގެ ކައުންސިލް އިދާރާއިން ހިންގާ ބޮޑު ޖަރީމާއެކެވެ. މީގެ އިތުރުން މިކަން ކުރުމަށް އެއްވެސް ހުއްދައެއް ނަގާފައިނުވާކަމަށާއި، މިއީ ސީދާ ގާނޫނާ ގަވާއިދުތަކުގެ ބޭރުން، ނަހަމަ ފައިދާ ހޯދުމަށް ކުރާ ކަމެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ދާދިފަހުން ށ. ފުނަދޫ ދަނޑުގެ މަސައްކަތަށް ފޯކައިދޫއިން 1.7 މިލިއަން ރުފިޔާގެ ކަޅުފަސް ވިއްކަން އުޅުމުން އެރަށުގެ ރައްޔިތުން ވަނީ އެކަން ހުއްޓުވާފައެވެ. އެރަށުގެ ގިނަ ރައްޔިތުން ބުނަމުން އަންނަ ގޮތުގައި މިއީ އެރަށު “ބިންކާ” އަޑީގައި ހުރެގެން ކުރާ ކަމެކެވެ. ބިންކާ އަކީ ކޮމަންޑޫ ދާއިރާއަށް އަލަށް އިންތިޙާބުވި މެންބަރު ރާޝިދު “ރާޑޯ” އަށް އެބޭފުޅާގެ އުފަން ރަށް ފޯކައިދޫގައި ކިޔާ ނަމެވެ. ރާޝިދުއަށް މިނަން ދީފައިވަނީ އެރަށު ކައުންސިލަރު ކަމުގައި ހުރި ދުވަސްވަރު، ރަށުން ގަހާއި ވެލި ނަގައި، ގަވައިދާ ހިލާފަށް ވިއްކާފައިވާތީ ކަމަށް އެރަށުގެ މީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button