ރިޕޯޓް

ޝަހުބާން ބޭރުކޮށް ޝަފާއުގެ ”ހެވިކަމުގައި“ ފައްޔާޒު އެމްއެމްސީގެ ކޮންޓްރޯލް ނެގި ގޮތް އެނގެން ބޭނުންތަ؟

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ އެ މަގާމުން އިސްތިއުފާ ދިނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުގެ ދަނޑިވަޅާ ދިމާކޮށް ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި ކައުންސިލްގެ ހިންގުން މުޅީން ކަހަލަ ގޮތަކަށް ހުއްޓުމަކަށް ގެންނަން ބައެއް މެންބަރުން މަސައްކަތް ކުރުމުން ކަމުގައެވެ.

ޝަހުބާން އެ މަގާމުން އިސްތިއުފާ ދިނުމުގެ ކުރީން 3 ފަހަރެއްގެ މަތިން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އެންމެ އަޑީގައި ހުރީ ރީޖަނަލް އެއާޕޯޓްސްގެ ބޯޑު މެންބަރު އަދި އެމްއެމްސީގެ މެންބަރު މުހައްމަދު ޝަފާއު ހަސަން ކަން ”ބޮންތި“ އިން ރިޕޯޓްކޮށްފައި ވަނިކޮށް، ޝަހުބާންގެ އިސްތިއުފާ އާއި ގުޅިގެން ރައީސްގެ މަގާމަށް އައްޔަން ކުރެވުނީވެސް ޝަފާއު އެވެ. ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟

ދެން އެރީ ޝަފާއު އެ މަގާމަށް އައުމަށް އެހެން މެންބަރުންނަށް ނުފޫޒު ފޯރުވިކަމުގެ އަޑެވެ. އެއާއެކު ”ބޮންތި“ އިން ބެލި ބެލުމުން އެނގުނީ ޝަފާއު އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ގުޅުން އޮންނަ ކަމެވެ. ޝަހުބާން އާއި ކުރިންވެސް ރައީސް ކަމަށް ވާދަކޮށްގެން އެންމެ 3 ވޯޓު ލިބުނު ޝަފާއުގެ އަޑު އެމްއެމްސީ ތެރޭގައި މަޑަސް އޭނާގެ އަޑު މިނިސްޓަރ ފައްޔާޒުގެ އަރިހުގައި ގަދައެވެ.

ޕީއެސްއެމްގެ ސްލޮޓެއްގައި އެމްއެމްސީއަށް ހޮވުނު އެކަމަކު ފަހުން ފައްޔާޒުގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ޓީވީއަށް ބަދަލުވި އަލީ ހުސެއިންގެ އެހީތެރިކަމާއެކު ޝަފާއު ފެށީ ރައީސް ކަމުގެ މަގާމު ”ދަމައިގަތުމަށެވެ.“ އެކަމުގައި ދެން ބައިތު ހިފީ އިންފޮމޭޝަން ކޮމިޝަނަރ އޮފީސް (އައިކޮމް) ގެ ފައިނޭންޝަލް ކޮންޓްރޯލަރު ހަސަން ޝާކިރު މުހައްމަދު އެވެ. އޭނާ އަކީ އަސްދަނޑި ނަމަކަށް ކިޔާ އޮންލައިނެއް ހިންގާ މީހެކެވެ. އެއީ ކިޔުންތެރިންގެ މެދުގައި މަގުބޫލުކަމެއް ނެތް، ގިނަ ބަޔަކު ނުވެސް ދަންނަ ނޫހެކެވެ.

ޝާކިރުގެ އިތުރުން އާންމުންގެ ތެރެއިން އެމްއެމްސީއަށް އިންތިހާބުވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރަ އަންވަރު އިބްރާހީމް ޝަފާއުގެ ”އަވައިގައި“ ޖެހުނެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބުވި ގާނޫނީ ވަކީލު އިބްރާހީމް ފައުޒީވެސް ޝަފާއުގެ ”މަޅީގައި“ ބަނދެވުނީއެވެ.

އެމްއެމްސީގެ ސިއްރު ކޮފީތަކުގައި އެ ކައުންސިލްގެ ނައިބު ރައީސް ހަސަން ސަގީފް ނިސްބަތްވާ ނޫސް ކަމަށްވާ ތިލަދުން އަށް ރަނގަޅު ވަރެއްގެ ސްޕޮންސަރ ފައިސާކޮޅެއް ސަރުކާރުގެ ތެރެއިން ހަމަޖައްސައިދޭ ވާހަކަވެސް ދެކެވެއެވެ. އެވާހަކަ ކިޔައިދިނީ ޖެހިގެން އިން މޭޒުންނެވެ. އެކަމަކު އެކަމުގައި ސަގީފް ނިންމީ ކޮންގޮތެއް ކަމެއް ނޭނގެއެވެ. އެކަހަލަ ކޮފީއެއްގެ ތެރޭގައި ފައިސާ އާއި ސްޕޮންސަރގެ މައުޟޫ ނެގުމުގައި ޝަފާއު ”ނައްޓާފައި“ ނުދާނެއެވެ.

އެމްއެމްސީ ތެރޭގައި ޝަފާއު ކުޑަ ޖަމާއަތެއް ހަދައިގެން ޖެހި ސަކަރާތުގެ ކަންބަޅީގެ ގުރުބާނީއަކީ ޝަހުބާނެވެ. މިނިސްޓަރ ފައްޔާޒުގެ ކޮންޓްރޯލް ރާއްޖޭގެ އޮންލައިން މީޑިއާތައް ބަލަހައްޓައި ރެގިއުލޭޓް ކުރާ ތަނުގައި ބޭއްވުމަށް ޝަފާއު އާއި އޭނާގެ މަޅީގައި ޖެހުނު މީހުން އެމްއެމްސީގެ މުސްތަގިއްލު ކަމުގެ ސިފައަށް ”މެހުނީ“ އެވެ. އޭނާގެ ބަހަށް ހެއްލުނު މެންބަރުންގެ ގައިގައި ”އެމުނި“ އެއްޗެއްގެ ބޮޑު ކަމާއެވެ. ހަމަ ގައިމުވެސް އެމުނީކީ މާ ފައްޗެއް ނޫނެވެ. އެއަށްވުރެ ”ޑީލް“ ރަނގަޅު ކަމަށް އެ ކޮއިލަށް ވަންނަން ދިމާކޮށްފައި ނުވަދެ ބޭރުވި މީހަކު ކުޑަގޮތަކަށް ސުރުހީއެއް އަޅައިލިއެވެ.

އެހެން ވާހަކައެއްވެސް ”އޭނާ“ ކިޔައިދިނެވެ. މުޒާހަރާއެއްގެ ތެރެއިން ޗެނަލް 13 ގެ ނޫސްވެެރިންނަށް ފުލުހުން އަނިޔާކުރި މައްސަލައިގައި އެމްއެމްސީ ދޮރުމަތީގައި ހިމޭން އިހުތިޖާޖެއް ނޫސްވެރިން ކުރަނިކޮށް ޝަހުބާން އާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ނިކުމެ ޗެނަލް 13 އަށް އިންޓަވިއުއެއް ދިން ވާހަކައެވެ. އެކަމާ ގުޅިގެން ކުއްލިއަކަށް މާ ވަރުގަދަ ސިނގު ރުޅިގަނޑެއް ނެރެ ޝަހުބާން މަގާމުން ބޭރުކުރަން ޝަފާއު އުޅުނެވެ. އެއީ ޝަހުބާން ބޭރުކުރުމުގެ މަސައްކަތުގެ ފެށުމެވެ.

ޝަހުބާން ބޭރު ކުރަން އޮތް ހުއްޖަތަކީ ހަމަޖެހޭ ހުއްޖަތަކަށް ވާނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ސެކެޓްރީ ޖެނެރަލް އަހުމަދު ނާއިފްގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އެމްއެމްސީގެ ”ޝަފާއު ފެކްޝަން“ މެންބަރުން ދައްކައިގެން އެކަމާ ”ގަދަޔަށް“ އުޅެގެންނެވެ. ދެމީހުންގެ މައްޗަށްވެސް ކުރެވެނީ ގާތްގަނޑަކަށް އެއް ތުހުމަތެކެވެ. ޕޮންޒީ ސްކީމެއްގެ ތެރެއިން މުޅި ރާއްޖޭގެ އެންމެނަށް އެނގި ބުނެ ކިޔައިގެން ފައިސާ ”އަޅައިގެން“ ހިންގި ފޮރެކްސް ޓެރޭޑަށް ގާނޫނު ”ނުފެހި“ އޮތީމާ ޝަހުބާނުގެ ހިއްސާ އޮތް ކުންފުނީގެ ބެންކު އެކައުންޓުގަ ހުރި އަދަދު ދައުލަތަށް ”މީރުވެ“ އެކަން މަނީ ލޯންޑަރީއަކަށް ވީއެވެ.

އެކަމަކު ނާއިފް ފަދަ މިނިވަން ނޫސްވެރިން ބުނަމުން އައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ”ހުތުރު“ ފައިސާ ނާއިފްގެ އެކައުންޓުގައި ”ހޭކުން“ އެމްއެމްސީގެ ”ޝަފާއު ފެކްޝަނުން“ ދަންނަ ކަމަކަށްވެސް ނެހެދީއެވެ. އެކަން މާ ހުތުރެވެ.

ނާއިފް ވަނީ ދެ ނޫހެއް ރަޖިސްޓްރީ ކޮށްފައެވެ. އެނގިފައިވާގޮތުގައި އަވަސް ނޫހަކީ ނާއިފްގެ ހިއްސާ އާއި އެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަރަދުކޮށްގެން ހެދި ނޫހެކެވެ. އަދީބަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރި ވެވަޑައިގަތްކަމުގެ އަމިއްލަފުޅު އިއުތިރާފް މިހާރު އޮތް ބޭފުޅެކެވެ. އެކަމަކު އެކަން އެމްއެމްސީއަކަށް މައްސަލައަކަށް ނުވެއެވެ.

މި މައްސަލައިގައި ”ކައްގަނޑު“ ފަޅައިގެންދާ ވަރަށް ހިނި އަންނަ އަނެއް ކަމަކީ މިހާރު އެހެރަ އިންތިހާބު ކުރި އައު އެމްއެމްސީގެ ރައީސް ޝަފާއު އަކީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ ފްލެޓް ގަތް މައްސަަލައިގައި ފުލުހުންނަށް ބަޔާން ދިނުމަށްފަހު ޝަރީއަތުގައި ހެކި ބަސް ދޭން ދެކޮޅު ހެދި މީހެއް ކަމެވެ.

ކޮންމެއަކަސް އެނގޭ އެއްކަމަކީ އެމްއެމްސީގެ ތެރޭގައި ހަމައެއް ލަމައެއް ނެތް ކަމެވެ. ސަލާމަތުން ތިބީ މަދު ބައެކެވެ. ގިނައީ ދެފުށް ދެގޮތް މިނިވަންކަމަށް ދައުވާ ކުރާ ނޫސްވެރިންނެވެ. އޮތީ އެބުނާ ”ފައްޔަ ބުރޯ“ ގެ ކޮންޓްރޯލެވެ. އެހެން ގޮތަކަށް ބުނާނަމަ، ހަވާ ނަފްސުގެ ދުރުމިން ބަލައި ޝަފާއު އެ މަގާމަށް ގެންނަން ބައެއް މެންބަރުން ”ވިކުނީ“ އެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button