އަދުލުވެރި ޝަރީއަތެއް ކަށަވަރު ކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭގޮތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ކުރައަށްދިޔައީ އެމަނިކުފާނުގެ ފުށުން ހުށައަޅާ ކަންތައްތަކާއި ދައުލަތުގެ ފަރާތުން ހުށައަޅަންޖެހޭ ކަންކަން ހުށައެޅުމެވެ.
މި އަޑުއެހުމުގައި ރައީސް ޔަާމީންގެ ފަރާތްޕުޅުން ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ އިސް ވަކީލު ޑރ.މޖުހައްމަދު ޖަމީލް އަޙްމަދު ވަނީ ދެކަމަކަށް އެދިވަޑައިގެންފައެވެ. އެގޮތުން މައްސަލައިގައި އެކަށީގެންވާ ގޮތަކަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވުމަށާއި، އަދުލުވެރި ޝަރީއަތެއް ކަށަވަރުކޮށްދިނުމަށް ގާޒީގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ 16:00 އަށް ތާވަލް ކުރެވުނު އަޑުއެހުން ވަނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ދިގުލައިގެންގޮސް ހަތަރު ގަޑިއިރަށް ދެމިގެންގޮސްފައެވެ. ޝަރީއަތުގެ އަޑުއެހެން ފެށޭވަރުވީ ތާވަލުކުރެވުނު ވަގުތަށްވުރެ 2 ގަޑިއިރު ފަހުންނެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން 13 ޝަފަޙީ ހެއްކެއް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވަނީ 7 ހެއްކެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝަރީއަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެއަށްފަހުގައި ރައީސް ޔާމީންގެ ފަރާތުން ހުށައަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން އޮންނާނެއެވެ. ހެކީންގެ މަރުހަލާ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް އިސް ގާޟީ އަހުމަދު ޝަކީލް ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު 19، 21، 23، 27، އަދި 30 ޖޫންގައި ހެކިންގެ ހެކިބަސް ނެގުން ކުރިއަށްދާނެއެވެ. އެއަށްފަހު އޯގަސްޓް މަހުގެ ތެރޭގައި ހެއްކާ ބެހޭ އިތުރު މަޖުލީހެެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.