ޚަބަރުސިޔާސީ

ތެލާއި ބޭހާއި ކާޑު ގަންނަން ފައިސާ އެބަހުރި: ރައީސް ސާލިޙް

ތެލާއި، ބޭހާއި، ކާޑު އަދި އެނޫނަވެސް ތަކެތި ގަތުމަށް ބޭނުންވާ ފައިސާ އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސްއޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑާއި، އަދި ބޭހުގެ އިތުރުން އެހެނިހެން ޒަރޫރީ މުދާ ގަތުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރިޒާވްގައި އެބަހުރި ކަމަށެވެ.

އެހެން ނަމަވެސް ރައީސް ފާހަގަކުރެއްވި ގޮތުގައި 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، ޒަރޫރީ ގިނަ މުދަލުގެ އަގު ވަނީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން 2021 ވަނަ އަހަރު 69 ޑޮލަރަށް ހުރި ތެޔޮ ފީފާ 120 ޑޮލަރާއި ގާތަށް އުފުލިއްޖެ ކަމަށާއި، ގޮދަނުގެ އަގު 100% އުފުލިއްޖެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިހާލަތު ވަރަށް ގާތުން މޮނިޓަރކޮށް، ތަކެތީގެ އަގު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިހާރު ތަކެތީގެ އަގު ހުރި ވަރަށްވުރެ ކުޑަކުރާނަމަ ޖެހޭނީ ސަބްސިޑައިޒް ކުރަން ކަމަށާއި، މިވަގުތު ދައުލަތަށް އެއީ ނުކަތާވަރުގެ ކަމަކަށް ވެދާނެކަމަކަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 11 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮތް ނަމަވެސް، އޭގެ ތެރެއިން 7 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށާއި، މިކުރެވުނު މަސައްކަތްތަކުން ރާއްޖޭގެ އިގްތިސާދު ބޮޑުތަނުން ރަނަގަޅުވަފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއެކު، ތަކެތީގެ އަގަށް އަންނާނީ ހެޔޮ ބަދަލެއް ކަމެއް ނުވަތަ ނޭދެވޭ ބަދަލެއް ކަމެއް ދަންނަވަން ނޭންގޭ ކަމަށާއި، އެހެން ނަމަވެސް އަންނަ ކޮންމެ ބަދަލެއްގެ އަސަރުވެސް ރާއްޖެއަށް ކުރާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ބަދަލެއްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުކަތާވަރުވާނަމަ، މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނެ ކަމުގެ ޔަގީންކަން ރައީސް ސާލިޙް ވަނީ ދެއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެ ބަނގުރޫޓު ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ދުނިޔޭގެ ވަރުގަދަ އިގްތިސާދީ ލަފާދޭ އިދާރާތަކުން ދަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް ހުސްވުމުގެ ބިރު އޮތް ކަމަށް ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button