ޚަބަރުސިޔާސީ

ދައުލަތުގެ ރިޒާވުގައި ފައިސާ ނެތުމުން ދަރަންޏަށް ފައިސާ ނަގަން މަޖުބޫރުވީ: ރައީސް ސޯލިހު

ދައުލަތުގެ ރިޒާވުގައި ފައިސާ ނެގުމުގެ ސަބަބުން ލޯނު ނަގަން މަޖުބޫރުވި ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 9 މަސް ދުވަސް ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ފެށި ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވިގޮތުގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ރިޒާވް ދަށްވުމުގެ ސަބަބުން ދަރަންޏަށް ފައިސާ ނަގައިގެން މުވައްޒަފުންގެ މުސާރަ ދިނުމާއި ސަރުކާރު ހިންގަން މަޖުބޫރުވިއެވެ. އަދި ދަރަނި ނަގައިގެން އެ ހުރިހާ ކަމެއް މެނޭޖު ކުރެވުނުކަން އެމަނިކުފާނު ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.

”ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައި. ސަރުކާރުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާގެ ތެރެއިން 35 ބިލިއަން ރުފިޔާ ނުވަދެ ދިޔައީ. އެ ދަތިހާލުގައި އިގްތިސާދު ހިންގައި، ސިއްހީ ނިޒާމު ދެމެހެއްޓުމަށްޓަކައި ފައިސާ ބޭނުންވީ. ދައުލަތުގެ ރިޒާވުގައި އެވަރަކަށް ފައިސާއެއް ނެތް. ލޯނު ނަގަން މަޖުބުރުވީ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލީ އިދާރާތަކުން ލަފާދިނީ ލޯނު ނަގަން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނެގި ލޯނުން އިގްތިސާުގެ ތެރެއަށް ފައިސާ ދީ، ކުދި ވިޔަފާރިތައް ހިންގައި، މުސާރަ ދީ، ކޮވިޑާ ގުލިގެން އަޅަން ޖެހުނު ފިޔަވަޅު ފުރިހަމައަށް އެޅިގެން ދިޔަ ކަމުގައެވެ.

2022 ވަނަ އަހަރު ނިމުނުއިރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު، ޖީޑީޕީ 150 ޕަސެންޓަށް ވެއްޓުނު ކަމަށާއި، އެކަމަކު އެ އަދަދަދު މިހާރު 113 ޕަސެންޓަށް ބަދަލުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

”އެއީ ކުރިއެރުމެއް. އަމާޒަކީ 100 ޕަސެންޓަށް ތިރިކުރުން.“ ރައީސް ވިދާޅުވިއެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުންވެސް އިގްތިސާދަށް ނޭދޭވޭ އަސަރުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތެލުގެ އަގު އުފުލިފައިވާ ކަމުގައެވެ. އެގޮތުން 2021 ވަނަ އަހަރު 69 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރާ ގާތަށް އަގު މައްޗަށް ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ގުދަނުގެ އަގު 100 ޕަސެންޓު އުފުލިއްޖެ. ސިމިންތި 60 ރުފިޔާ 80 ރުފިޔާއަށް ލިބޭ ބަސްތާއެއް 125 ރުފިޔާއަށް އުފުލިއްޖެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަ ކުރުމަށް އަމާޒު ހިފާފައިވާ ކަމުގައެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން މެއި މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ހަރަދު ކުރަން ނިންމި ނަމަވެސް އެމަސް ނިމުނު އިރު 14.1 ބިލިއަނަށް ހަރަދުތައް ކުޑަ ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ހަރަދުތައް ކުޑަކުރެވިއްޖެ. އަދި އާ ބައެއް މަޝްރޫއުތައް ފެށުންވެސް މިހާރު ވާނީ ހުއްޓާލާފަ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލުން ސޮއިކޮށްގެން ލޯނު ނަގައިގެން އިތުރު މަޝްރޫއެއް ނުހިންގަވާނެ ކަމުގައެވެ. އެކަމަކު ލޯނު ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ކުރިއެކޭ އެއްގޮތަށް ކުރިޔަށް ދާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button