
ރޭ ކުރިއަށް ދިޔަ ”އިންޑިއާ އައުޓް“ ސިލްސިލާ މުޒާހަރާގެ ބައިވެރިން އިންޑިއާގެ ވެރިކަން ކުރާ ޕާޓީކަމަށްވާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަަތައް ކުށްވެރިކޮށް އަޑުއުފުލައިފިއެވެ.
މިސަރުކާރުން އިންޑިއާ އާއި ގުޅުން ނުބޭއްވުމަށާއި, އެގައުމަކީ ހައްދުފާނަ އަޅާފައިވާ ގައުމެއް ކަމަށާއި، ސަރުކާރުން އިންޑިއާ އާއި ގާތް ގުޅުމެއް ބޭއްވުމަކީ އެކަމުގައި ބައިވެރިވުން ކަމަށާއި އަދި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކުރަން ވޯޓުދިން މެންބަރުން އިސްތިއުފާ ދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
”އިންޑިއާ އައުޓް“ ހަރަކާތުގެ ތެރެއިން ރޭ 7 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އިންޑިއާ އާއި ދެކޮޅަށް ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އަޑު އުފުލަމުންނެވެ. ބީޖޭޕީގެ ތަރުޖަމާނު ރަސޫލާ އަށް ފުރައްސާރަކުރީ މިދިޔަ ހަފުތާގައި އިންޑިއާގެ ޓީވީ ޗެނަލެއްގައި ކުރި ބަހުސެއްގެ ތެރެއިންނެވެ.