ރޭގެ މުޒާހަރާއިން ހައްޔަރު ކުރި 7 މީހުންގެ ބަންދާމެދު މިއަދު ގޮތެއް ނިންމަނީ
ރޭގެ އިންޑިއާ އައުޓު މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދާމެދު މިއަދު ގޮތެއް ނިންމާނެ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ސިލްސިލާގޮތެއްގައި އިދިކޮޅުން ކުރާ މުޒާހަރާއިން ރޭ ހައްޔަރު ކުރީ 7 މީހުންނެވެ. އެ ހުރިހާ އެންމެވެސް މިވަގުތު ތިބީ އަތޮޅުވެހީގައެވެ.
އިދިކޮޅުން ހޯމަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓު މުޒާހަރާއިން ވެސް 2 އަންހެނުން ހައްޔަރު ކުރިއެވެ. އެ ދެމީހުން ދޫކޮށްލުން ލަސްވެގެން ޕޮލިސް ކަސްޓޯޑިއަލް ކައިރީގައި އިހުތިޖާޖު ކުރަނިކޮށް ހަމަ އެރޭ ވަނީ ދޫކޮށްލާފައެވެ.
ހޯމަ ދުވަހުގެ ރޭގެ މުޒާހަރާގައި ދައުލަތުގެ 100 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް ފަންޑު ފޮއްޓެއްވެސް ގެންގުޅުނެވެ. މީގެ އިތުރުން “ލާދީނީ ސަރުކާރު” “ރާއްޖެ މިނިވަންކުރޭ” ފަދަ ޝިއާރު ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން މިހާރު އަންނީ ކޮންމެ ރެއެއް ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.