
ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން އެއްވެސް ސަބަބަކާހުރެ މަގާމުން ވަކުކުރެވުމުން، އެބޭފުޅުންނަށް ކޯޓުތަކުގައި ވަކާލާތުނުކުރެވޭންވީ ކީއްވެތޯ ޕީޕއެމްގެ އެޑްވައިޒަރު ޑރ. މުޙަންމަދު ޝަހީމް އަލީ ސަޢީދު ސުވާލުކުރައްވައިފިއެވެ.
Fandiyaarukamun vaki kurumun wakeelkan nukureven vee keevve? Emeehakah libifaivaa ilmaai thajuribaage beynun nukurevey gothah hedhumaki aniyaa eh. https://t.co/FLKCwlCOr0
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 7, 2022
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މި ސުވާލު ކުރެއްވުމަށްފަހު ވިދާޅުވީ އެމީހަކަށް ލިބިފައިވާ އިލްމާއި ތަޖުރިބާ ބޭނުން ނުކުރެވޭ ގޮތަށް ހެދުމަކީ އަނިޔާއެއް ކަމަށެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހު ވަކިކުރަން މަޖިލީހަށް ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަވެސް ބާތިލުކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހެޅުމާއި ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ގާނޫނީ ފަންނުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ށ ގެ ފަހަތަށް ފަސް އަކުރެއް އިތުރު ކޮށްފައެވެ.
އެގޮތުން ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ވަކި ކުރުމަށް ނިންމައިފިނަމަ، އެ ފަނޑިޔާރު ކުރި އަމަލަކީ ޤާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމުގައި ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ބުނެފައިވެއެ.
މީގެ އިތުރުން އެފަދައިން ވަކިކުރާ ފަރާތްތަަށް އަލުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދޭނީ ވަކިކުރާ ތަރީހުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، އަދި ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފައެވެ.