ޚަބަރުސިޔާސީ

ނޭނގި އެތައް ހާސް ބަޔަކު ވަނީ އެމްޑީޕީއަށް ވައްދާފައި: ފަލާހު

އެމްޑީޕީގެ ދަފްތަރުގައި އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އެތައްހާސް ބަޔަކަށް ނޭނގި އެމީހުން ޕާޓީއަށް ވައްދާފައިވާ ކަމުގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުން މީހުން ވަކި ކުރާ މައްސަލައިގައި ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ރިއާޔަތް ކުރައްވައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެމްޑީޕީގެ 40،000 އެއްހާ މީހުން ވަކި ކުރެވޭގޮތަށް ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކުން ނިންމި ނިންމުމަށް ހަސަން ލަތީފް ފާޑުވިދާޅުވުމާ ގުޅިގެން ފަލާހު ވިދާޅުވީ އެކަމުގައި ހަސަން ލަތީފުގެ އިހުމާލު ވަރަށް ބޮޑަށް ފެނުނުކަމުގައެވެ.

”މި 39،000 މެންބަރުންގެ ތެރޭގައި އެކި ޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ މީހުން އެބަތިބި. ހަމައެކަނި އަޅުގަނޑުގެ ދާއިރާގައިވެސް 159 މީހުން އެހެން ޕާޓީތަކުގައި އެބަތިބި. މި މީސް މީހުން ކެނޑެން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އޭގެ ތެރޭގަ އެބަހުރި އެމީސްމީހުންނަށް ނާންގާ (އެމްޑީޕީ) ޕާޓީއަށް  ވައްދާފަ ތިބި މީހުން.“ ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީތަކުގައި އެހެން ޕާޓީތަކުގެ މީހުން އައިސް އަތްގަދަ ނުކުރެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެމްޑީޕީގެ ދަފްތަރު ސާފުކޮށް ހަގީގީ އެމްޑީޕީގެ މެންބަރުން ޕާޓީގައި ތިބެންޖެހޭ ކަމުގައެވެ.

އެޕާޓީގެ ނިމުނު ޗެއާޕާސަން އިންތިހާބުގައި ވާއްދަ ކުރެއްވި ދެބޭފުޅުންވެސް ދެއްކެވީ އެމްޑީޕީގެ ދަފްތަރު ސާފުކުރާ ވާހަކަ ކަމުގައެވެ. އަދި މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު އެެމްޑީޕީއިން ބޭއްވި ގައުމީ މަޖިލީހަކީ ސިއްރު ބައްދަލުވުމެއް ނޫން ކަމަށާއި، އެ ބައްދަލުވުން ލައިވް ނުކުރީ ހަރަދު ބޮޑުވާތީކަން އޭނާ ފާހަގަކުރެއްވިއެވެ.

”ލައިވް ކުރާ ކޮންމެ ފަހަރަކު ބައިވަރު ލާރިތަކެއް ދާތީ އެއީ މިހާރުގެ ޗެއާޕާސަންގެ ނިންމެވުމެއް.“ ފަލާހު ވިދާޅުވިއެވެ.

ފަލާހު ފާހަގަކުރެއްވިގޮތުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ ފޯމުގައި އިނގިލީގެ ނިޝާން ޖަހަންޖެހޭގޮތަށް ފާސްކުރި އިސްލާހުގެ ސަބަބުން އެމްޑީޕީއަށް ކުރިން ސޮއި ކުރި ގިނަ ބައެއްގެ ހައްގު ގެއްލިގެން ދިޔައެވެ.

”މިހާރުގެ ގާނޫނު އޮތްގޮތުން ކުރިން ސޮއި ކުރި މެންބަރުންގެ އިނގިލީގެ ނިޝާނެއް ނެތް. އެހެނެއް ނޫން ގާނޫނު ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއް އެކަމަށް ތާއީދުވެސް ކުރަން. އެކަމަކު މިހާރު ގާނޫނު އޮތްގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން.“ ފަލާހު ވިދާޅުވިއެވެ.

މިކަމާގުޅިގެން ދެފަހަރެއްގެ މަތިން ނިޒާމީ މައްސަލަ ނަންގަވައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ 39،000 މެންބަރުންނާ ގުޅޭ ކަމެއްގައި ލައިވް ނުކުރުމަކީ ބޮޑު މައްސަލައެއް ކަމުގައެވެ.

”އެއަށްވުރެ ބޮޑު ކަމެއް ނޯންނާނެ ލައިވް ކުރަންޖެހޭ. އާންމު މެންބަރުންނަށް އެނގެންޖެހޭ.“ ވައްޑޭ ވިދާޅުވިއެވެ.

މިޖަލްސާގައި ގިނަ އެމްޑީޕީގެ މެންބަރުން ތާއީދުކޮށްފައިވަނީ އެ ޕާޓީގެ ދަފްތަރު ސާފުކުރުމަށެވެ. އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ މައްސަލައަކީ މީގެ ކުރިން އިދިކޮޅު ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވުމުން ބޭރުކޮށްލި މައްސަލައެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button