ޚަބަރުސިޔާސީ

ވެރިޔަކު މިނިވަންކަމަށް ޣައްދާރުވުމަށް ވުރެ ވަކިން ބޮޑު ކުށެއް އޮންނާނެތޯ؟ ޖަމީލް

ވެރިޔަކު މިނިވަންކަމަށް ޣައްދާރުވުމަށް ވުރެ ވަކިން ބޮޑު ކުށެއް އޮންނާނެތޯ ސުވާލު އުފައްދަވައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން އަމިއްލަ ގައުމުގައި ބިކަވެއްޖެ ކަމަށާއި، ދިވެހިންގެ ކަންކަން ނިންމަނީ ބޭރު ބައެއް ކަމުގައެވެ.

”އެއްވެސް ކަމެއް ދިވެހިންނަށް އެނގޭކަމަކަށް ނުވޭ. އެންމެ ފަހުން ގާނޫނުތައް ބަދަލުކޮށްގެން ސިޔާސަތުތަކަށް ބޯލަނބަން މަޖުބޫރުކުރުވަނީ. އިސްތިއުމާރީންގެ ހުރިހާ ސިފަތަކެއް އެބަފެނޭ.“ ޖަމީލު ވިދާޅުވިއެވެ.

ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މި ވެރިކަމުގައި ފެންނަމުންދާކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ ވަކި ގައުމެއް ރުއްސަން ސިޔާދަތުވެސް ގުރުބާން ކޮށްފިކަމުގައެވެ. ބެލެވޭގޮތުގައި ޖަމީލު އިޝާރާތް ކުރެއްވި ގައުމަކީ އިންޑިއާއެވެ.

ޖަމީލު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ މައްޗަށް ރާއްޖޭގެ ގާނޫނުތަކެއް ނުހިނގައެވެ. އެގޮތުން ރާއްޖޭގައި ކިތަންމެ ކުށެއް ކުރިޔަސް ވަކި ގައުމެއްގެ ބަޔަކަށް ވީތީ ފިޔަވަޅު ނޭޅޭކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

”އެމީހުންގެ އެންގުމަށް އަމިއްލަ ރައްޔިތުންނަށް އަނިޔާދެނީ. ރައީސް ސޯލިހަކީ ބޭރުބައެއްގެ ގޮނޑި ކޮއްކޮއެވެ.ލޯމަރައިގެން ތިބެން ހެޔޮނުވާނެ.“ ޖަމީލު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ޖަމީލު އަންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button