ކޮލަމް

އިގްތިސާދަށް މިވަނީ ކިހިނެއް؟

ދިވެހިރާއްޖެ އިންތިހާއަށް ދަރަނިވެރިވެ ގައުމުގެ މިސްރާބު ހިފާފަ ހުރީ އަޅުވެތި ކަމާދިމާއަށެވެ. މުޅި ދުނިޔެ މިވަނީ އިގްތިސާދީ ކޯޅުމެއްގެ ތެރޭގައެވެ. ހަނގުރާމަތަކާ, އެއްގައުމު އަނެއް ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާއިރު، ރާއްޖޭގެ ވެރިކަމުގައިތިބި ވެރިންނަށް މާބޮޑުކަމަކަށް މިކަންކަން ނުވާކަމީ ހިތާމަކުރަން ޖެހޭކަމެކެވެ.

މިހާރުގެ ސަރުކާރުން ރާއްޖެއަކީ އަބަދުވެސް ”އެންމެ ފުރަތަމަ އިންޑިއާ“ ސިޔާސަތު ދަމަހައްޓާނެ ބައެއް ކަމަށްބުނެ އިންޑިއާއިން ބުނާހާ ތަނެއްދީ, އެގައުމުން ދޭހާ ލޯނެއް ނެގުމުގެ ސަބަބުން ގައުމިއްޔަތު ގެއްލިދާނެ ކަމުގެ ބިރު މިވަނީ ހީވާން ފަށާފައެވެ. އިންސާނީ ޒަރޫރީ ބޭނުންތައް ނުލިބި ދާނެ ކަމުގެ ބިރުވެސް އެބައޮތެވެ. ސިއްހީ ބޭނުން ތަކަށް ބޭނުން ކުރާ ތަކެތި ހުސްވެ ދާނެ ކަމުގެ ބިރު އެބައޮތެވެ. ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ. ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލިދާނެކަމުގެ ބިރުވެސް އެބައޮތެވެ.
މިކަމަށް ބާރުދޭ ހާލަތެއް މީގެ ކުޑަދުވަސް ކޮޅެށް ކުރިން އަވައްޓެރި ސިރީލަންކާއިން ވަނީ ފެނިފައެވެ.
ގައުމުގެ ދަރިންނޭވެ! ހޭއަރާށެވެ! ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އެންމެން އެކީ އަތް ގުޅާލައިގެންނެވެ. ދަރަނި ވެރިވުމަކީ ވަރަށްވެސް ހިތްދަތި ނުރައްކާތެރި ކަމެކެވެ. ދަރަނި ދަންތުރައާއި ބިން ފޭރުމަކީ އަދުގެ ދުނިޔޭގައި ކަން ހިނގައިގެން ވާނެ ގޮތެއް ނޫންނެވެ. އެހެން ނަމަވެސް މިއަދު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން މިދަނީ ދަރަނި ދަންތުރަ ތަކުން އަރައިނުގަނެވި ގައުމުގެ ބާރުތައް އެހެން ގައުމެއްގެ މުށުތެރެއައް ދާތަނެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ. މިއީ ބިރުވެރި، އެހާމެ ނުރައްކާތެރި ވެސް ކަމެކެވެ.

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި މިވަނީ 100 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުން އެނގޭ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނަގާފައިވާ ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަންޏަށް ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ހަރަދުތައް ހަމަޖެއްސުމަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި މުއްދަތުގައި ދައުލަތުން ވަނީ އިތުރު 4.8 ބިލިއަން ރުފިޔާގެ ލޯނު ނަގައިފަ އެވެ. މި ދަނޑިވަޅުގައި ގައުމަށް މުހިންމީ ހަމަ ބޮޑެތި މެގަ ޕުރޮޖެކްޓުތޯ ވެސް ވިސްނަން އެބަޖެހެއެވެ.

ރާއްޖޭގެ ދަރަނި ހުރީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ މިންގަނޑަށް ވުރެއް މަތީގައެވެ. ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނި ހުންނަން ޖެހޭނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގައެވެ.

ދާދި އަވަހަށް ރާއްޖޭއަށް އިގުތިސާދީ ކާރިސާއެއް އަތުވެދާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އަދި ދުނިޔެއަށް އިގްތިސާދީ ލޮޅުމެށް އައިސްފައިވާ މިދަނޑިވަޅުގައި ލޯނު ހޯދުމުގެ ދަތިކަމާ, ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ވެސް ވަނީ ބުނެފައެވެ.

އިގްތިސާދީ މާހިރުންނަށް ޖޯކުޖަހަމުން މިގައުމުގެ ވެރިން ދާއިރު، ދައުލަތުގެ ރިޒާވްގައި ކާޑާއި ތެޔޮ އަދި ބޭސް ގަތުމަށް ސަރުކާރަށް މިވަނީ މިހާރުވެސް ދަތިތަކަކާ ކުރިމަތި ލާންޖެހިފައެވެ. މިކަންކަން ފޮރުވުމަށް ނުވަތަ ރައްޔިތުގެ ލޯތަކަށް ހާމަވެދާނެތީ މީޑިއާތަށް މެދުވެރިކޮށް އަދި ދައުލަތުގެ ވެރިން މެދުވެރިކޮށް އަންނަނީ ދަތި ނުވާކަމަށާއި، ދަރަނިވެރި ނުވާކަމަށް ބުނެ ސަރުކާރުން ބޭނުންވާ ޕުރޮޕެގެންޑާތައް ފަތުރަމުންނެވެ.

މިހެން ސަރުކާރުގެ ވިސްނުން ހުރިކަމުގައިވިއަސް ގައުމުގެ ހާލު ކައިރީން ބަލާލުމުން ފެނިގެންދަނީ ލޮލުކޮޅަށް އޮބާލާފާވާ ބޮޑެތި ދަރަނިތަކެވެ. ދަރަނީގެ އަނދަވަޅުން ސަލާމަތްވުމަށް މިހާރުވެސް ބޭރުގެ ފަރާތްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން މާލީ އެހީ ބޭނުންވާނެއެވެ. އެ ފައިސާ ހަލާސް ކުރުމަށްޓަކާ ގިނަ އަހަރުތަކެއް ވެސް ބޭނުންވާނެއެވެ. އެމެރިކާ ޑޮލަރު ދުވަހެއް ދުވަހަކަށް އައްނަނީ ބޮޑުވަމުންނެވެ. ރާއްޖޭގެ ބާޒާރުގެ ކާބޯތަކެތީގެ އަގުތައް މިވަނީ އުފުލެން ފަށާފައެވެ.

ރާއްޖޭގެ އިގްތިސާދު ޑިފޯލްޓް ވުމުގެ ތުންފައްމަތީގައި ވާއިރު، ގައުމުގެ އާދޭސް އަޑުއަހަމާ ހެއްޔެވެ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button