ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުން އެމްޑީޕީގެ މެންބަރުންނަށް އެކަން ޑްރާމާއަކަށްވީ ވަކި ބަޔަކު ރުއްސަންތޯ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި އިއްޔެ މަޖިލީހުން ފެނުނީ ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ އެކްޓިވިސްޓް އެމްޑީޕީން ހިމާޔަތްކުރިތަނެވެ. ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަން ދެކޮޅުހެދުމަކީ އަޖައިބެއް ކަމަށާއި އެބަހުސް ކުރުން ފަހުރަކަށް ނުވެ، ޑްރާމާއަކަށްވީ ވަކި ބަޔަކު ރުއްސަންތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
އިއްޔެ މަޖިލީހުން ފެނުނީ ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ އެކްޓިވިސްޓް އެމްޑީޕީން ހިމާޔަތްކުރިތަން. ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަން ދެކޮޅުހެދުމަކީ އަޖާއިބެއް! އެބަހުސް ކުރުން ފަޚްރަކަށް ނުވެ، ޑްރާމާއަކަށްވީ ވަކި ބަޔަކު ރުއްސަންތޯ؟ https://t.co/pEPsB0WOdw
— Mohamed Jameel Ahmed (@MJameelAhmed) June 7, 2022
އިންޑިއާގެ ވެރިކަން ކުރާ ބީޖޭ.ޕީ އަކީ ހުރިހާ ދީންތަކަކަށް އިހުތިރާމްކުރާ ޕާޓީ އެއް ކަމަށާއި އެފަދަ ޕާޓީއެއްގެ އިސް ތަރުޖަމާނަކު ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައި އެމްޑީޕީއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފިއެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ އިންތިހާއަށް ނުރުހުން ފާޅުކުރަންޖެހޭ އަދި އެއަމަލު އެންމެ ހަރުއަޑުން ކުށްވެރި ކުރާކަމުގައެވެ.