
ވަގަށް ސިޔާސީ ޕާޓީތަކަށް މީހުންގެ ވެއްދުމުގެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ހިނގައިގެން ގޮސްފިއެވެ.
އެގޮތުން އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ވަނީ ދާދިފަހުން ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ޗެއާރ ޕާރސަން ފައްޔާޒް އިސްމާއިލް އިސްވެ ހުންނަވައި އެޕާޓީއިން 39،000 މެންބަރުން ވަކި ކުރުމަށް ނިންމި ނިންމުން ކުށްވެރި ކުރައްވައި، ރައީސް ސާލިޙްގެ ފެކްޝަނުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުންނަށް ރައްދު ދެއްވައި ރައީސް ސާލިޙްގެ ފެކްޝަންގެ މެންބަރުން ވިދާޅުވީ 100 ދުވަހުގެ ތެރޭގައި އެޕާޓީއިން ވަކިކުރުމަށް ނިންމާފައިވާ 39،000 މެންބަރުން އަލުން ޕާޓީއަށް ވައްދާނެކަމަށެވެ. މަޖްލީހުގެ މުޅި ޖަލްސާ މިކޯޅުމުގެ ތެރޭގައި ދިޔައިރު، ހުށައެޅިފައިވާ މައްސަލައަށް ބިނާކުރަނިވި ބަހުސެއް ދެއްވީ މަދު މެންބަރެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައަކީ މީގެ ކުރިން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އާދަމް ޝަރީފް މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް މަޖިލީހުން އެއިރު މި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. މި މައްސަލަ އަލުން ބެލުމަށް މަޖިލީހުން ނިންމާފައިމިވަނީ އެމްޑީޕީގެ ބައެއް މަޖްލީސް މެންބަރުން އެޕާޓީއިން އެހެން ޕާޓީތަކަށް ބަދަލުވެފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.