ޚަބަރުސިޔާސީ

އެހެން ޕާޓީތަކުން އަންނަންޖެހޭނީ ޕީޕީއެމްގެ ފަހަތަށް ކަމަށް އަދުރޭ ވިދާޅުވެއްޖެ

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ޓަކައި ޕީޕީއެމްއަށް ދައުވަތު ދެއްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް ނިންމެވިޔަސް އެކަން އެހެން ކުރެވެން ނޯންނާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއަކީ ޕީޕީއެމްއަށް ވާއިރު އެހެން ޕާޓީތަކުން އަންނަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް ކަމަށެވެ. އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ޖޭޕީން އިސްވެ ކޯލިޝަން ހެދުމުގެ މަޝްވަރާގެ ދައުވަތު ޕީޕީއެމްއަށް ދެއްވަން ނިންމެވި ނިންމެވުން މީޑިއާއަށް ތިލަވުމާއެކުގައެވެ.

ޕީޕީއެމްގެ އިތުރުން ގާސިމް އިބްރާހިމް ވަނީ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި، ކުރީގެ ބަންޑާރ ނައިބު ޑރ. މުނައްވަރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީއަށް ވެސް ދައުވަތު ދެއްވަން ނިންމަވާފައެވެ.

”އެހެން ޕާޓީތަކުން ބޭނުމިއްޔާ އަޅުގަނޑުމެންނާއެކު ކޯލިޝަން ހެދޭނެ. އެކަމަކު އެ ޕާޓީތަކުން އަންނަން ޖެހޭނީ އަޅުގަނޑުމެންގެ ފަހަތަށް. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން. އެ ނޫން އެއްވެސް ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީގެ ތާއީދެއް ނުލިބޭނެ، އަޅުގަނޑުމެން އަބަދުވެސް އުންމީދު ކުރަނީ ޕީޕީއެމް/ޕީއެންސީން އެކަނި ނުކުމެ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް މި އިންތިހާބު ކާމިޔާބު ކޮށްދެވޭނެ ކަމަށް.“ އަދުރޭ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަދުރޭ ވަނީ ޓްވީޓެއް ވެސް ކުރައްވައި ޕީޕީއެމް/ޕީއެންސީ އިން އެހެން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާނެކަމަށާއި އެ ކޯލިޝަނުގެ ކެނޑިޑޭޓަކީ ހަމައެކަނި ޔާމީންކަމަށް ވިދާޅުވެފައެވެ.

”ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން މި ކޯލިޝަނާ ގުޅިވަޑައިގަންނަވާ. އެއީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް،“ އަބްދުއްރަހީމްގެ ޓުވީޓުގައި ވެއެވެ.

ޕީޕީއެމް/ޕީއެންސީއިން އަބަދުވެސް ބުނަމުން އަންނަނީ އެޕާޓީން ކުރީގެ ރައީސް، ރައީސް ޔާމީން ނޫން އެހެން ކެނޑިޑޭޓެއް ނުވަތަ އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއިން ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ”ފިކުރެއްގެ ދިރުން“ ޓީމެވެ. މައުލޫމާތު ލިބޭގޮތުގައި، ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސަވަން ނަޝީދު ބޭނުންފުޅުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button