ކޯލިޝަން ސަރުކާރުގެ ބައިވެރިންނާއި ސަރުކާރުން ވަކިވުމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް، ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައިފިއެވެ. މެންބަރު ހަލީމް މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޕީ ހަލީމް މިބީދައިން ވާހަކަފުޅު ދައްކަވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ގާނޫނު ނަންބަރު (9/2014)، ޤާނޫނުލް އުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަށް ކުރިޔަށް ގެންދެވޭ އިބްތިދާޢީ ބަހުސްގެ ތެރެއިންނެވެ. މެންބަރު ހަލީމް ވިދާޅުވެފައިވާ ގޮތުގައި މެންބަރު ހިސާން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން ކޯލިޝަންގެ ބައިވެރިންވަނީ ނުރަނގަޅު ޢަމަލުތަކެއް ހިންގާފައެވެ. އެގޮތުން މި ބިލު މަޖިލީހަށް ވެއްދުމުގެ ކުރިން ބިލާއި ބެހޭގޮތުން އެކިއެކި ބަޔާންތައް ނެރެ، ސޯޝަލް މީޑިޔާގައި ކެމްޕެއިންތައް ހިންގި ކަމަށް މެންބަރު ހަލީމް ވަނީ ތުހުމަތު ކުރައްވައިފަައެވެ. އަދި މިއީ ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށް ހަލީމް ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން މެންބަރު ހަލީމްގެ ނުރުހުންވަނީ ވަކިން ޚާއްސަކޮށް ރައީސް މައުމޫނަށް އަމާޒުކޮށްފައެވެ. އެގޮތުން ރައީސް މައުމޫނަކީ ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށްޓަކާ ވަކި މީހެއްގެ ބޮލުގައި ލާދީނީ މީހެއްކަމުގެ ތުހުމަތު އެޅުވުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި ބޭފުޅުންގެ ތެރެއިން ބޭފުޅެއް ކަމަށް ހަލީމް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުންވެސް ކޯލިޝަނުންގެ ބައިވެރިންނާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ހަލީމް ވަނީ ކުރައްވާފައެވެ. މި ތުހުމަތުތަކާއިއެކު ކޯލިޝަންގެ ބައިވެރިންނާއި ވަކިވުމަށް މެންބަރު ހަލީމް ވަނީ ރައީށުލްޖުމްހޫރިއްޔާއަށް ގޮވާލާކަމަށް ވިދާޅުވެފައެވެ.
މިއަދު ކުރަމުންދާ އިބްތިދާޢީ ބަހުސްގައި ސަރުކާރުގެ މެންބަރުން ދަނީ އެއިސްލާހަށް ތާޢީދުކޮށް، އޭގައި ހުރި ވާހަކަތައް ދިފާޢުކުރުމަށް ކެނޑިނޭޅި ވާހަކަދައްކަވަމުންނެވެ. މީގެ އިތުރުން ބަހުސްގައި ވާހަކަދައްކަވާ އިދިކޮޅުގެ މެންބަރުންގެ ވާހަކަތަކުގެ ތެރެއިން އެކިނަންނަމުގައި ނިޒާމީ ނުކުތާ ނަންގަވާ، އެ މެންބަރުންގެ ވާހަކަތައް ހުއްޓުވުމަށް ސަރުކާރުގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު ބަހުސްގެ މަރުހަލާ ފެށުނު އިރު، އެއިސްލާހުގެ ސަބަބުން ސެކިއުލަރިޒަމަށް މަގުފަހިވާ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި އާންމުން ދަނީ އެ އިސްލާހާއި ދެކޮޅަށް އަޑު އުފުލަމަމުންނެވެ. މިފަދަ ޢިލްމުވެރިންނަށާއި އާއްމުންނަށް ނިސްބަތްކޮށްވެސް ސަރުކާރުގެ މެންބަރުން ދަނީ މިއަދުގެ ބަހުސްގައި ކުޑައިމިސް ބަސްތައް ބުނަމުންނެވެ.