ޚަބަރު

އޭޑީބީއިން މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް 7.51 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ކުރިއަރުވަން ކުރަމުން އަންނަށް މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން 7.51 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފިއެވެ.

މި ބޭންކުން ދިވެހި ސަރުކާރަށް ދިނުމަށް އެއްބަސްވެފައިވާ މި އެހީތެރިކަމަކީ ސަރުކާރުން މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި, އަންހެނުންނަށް ކުރާ އަނިޔާ މަދުކުރުމަށާއި, އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްކަތަކަށް ކަމަށް އޭޑީބީން ބުނެފައިވެއެވެ. އިތުރަށް މި އެހީ ބޭނުންކުރެވޭނެ ކަމެއް ބަޔާންކޮށް އެ ބޭންކުން ބުނެފައިވަނީ އަންހެނުންނަށް މުޖުތަމައުގައި ލިބޭ ފުރުސަތުތައް ހަނިކުރާ ސަބަބުތައް ނައްތައިލަން އެހީތެރިވުމަށް ބޭނުންކުރެވޭނެކަމަށެވެ. އަދި މިހާތަނަށް ތަފާސްހިސާބުން ދެނެގަނެވިފައިނުވާ މިންތީގެ ތަފާތުތައް ދެނެގަތުމާއެކު, ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރު ވަޒަންކުރުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް މޯލްޑިވްސް ސެޓެޓިސްޓިކްސް ބިއުރޯއަށް އެހީތެރިވުން ހިމެނެއެވެ.

މީގެ އިތުރުން, މުޖުތަމައުގައި ހުރި މިންތީގެ ހަމަހަމަކަމާ ގުޅޭ ނުރަނގަޅު ވިސްނުންތަކާއި ތަފާތުތައް ނައްތައިލުމަށް ކުރާ މަސައްކަތްތަކަށް ހަރަދުކުރުމާއި, ދައުލަތުގެ ބަޖެޓް ފަރުމާކުރުމުގައި ދެ ޖިންސަށް ހަމަހަމަވާނެ ގޮތަކަށް ފަރުމާކުރުމަށް އެހީތެރިވުމަށް ފިނޭންސް މިނިސްޓްރީއަށް ފައިސާ ދިނުންވެސް ހިމެނެވެއެވެ.

ގެވެށިއަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރި ހިޔާތަކެއް ހުޅުމާލެއާއި އައްޑޫ ސިޓީއާއި ރ.އުނގޫފާރުގައި ޤާއިމްކުރުމަށްވެސް މި ފައިސާ ހޭދަކުރާނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button