އާމްދަނީ ރަނގަޅު، އެކަމަކު ދައުލަތުގެ ހަރަދުތަކަށް ވަނީ ވާންވެފައި: އަމީރު
ދައުލަތުގެ އާމްދަނީވެސް ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް ވާންވެފައި ވާކަމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރާފައިވާ ދަނޑިވަޅެއްގައި އަމީރު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން ކަމުގައެވެ. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުމެވެ.
އަމީރު ފާހަގަކުރެއްވިގޮތުގައި އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެއެވެ. ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި، ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަން އަމީރު ފާހަގަކުރެއްވިއެވެ.
”ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް. މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް. އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް.“ އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށާއި، މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ގާތުން ބަލަމުން ދާނެ ކަމުގައެވެ.
”ދިމާވާ ގޮން ޖެހުންތަކަށް މިދަނީ ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް.“ އަމީރު ވިދާޅުވިއެވެ.
ދުނިޔޭގެ އިޤްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމުގައެވެ. އަދި ސަރުކާރުން ދަނީ ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ. ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި
— Ibrahim Ameer (@iameeru) June 5, 2022
ތަކެތީގެ އަގު މައްޗަށް ދިއުމުގެ މައްޗައް އަލިއަޅުއްވައި އަމީރު ވިދާޅުވީ ޚާއްސަކޮށް ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީ އިތުރުވެފައިވާ ކަމުގައެވެ.
”ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ 175 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ.“ އަމީރު ވިދާޅުވިއެވެ.
ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ގޮސް، ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުކަމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ބުނުމުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ މީގެ ކުރިން އެކަމާ ދެކޮޅު ހައްދަވައިފިއެވެ.
ޖޭޕީ މޯގަނުން މިހެން ބުނީ ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓުގައެވެ.
މިކަމާ ގުޅިގެން މެއި މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނސްޓަރު އަމީރު ވިދާޅުވީ ސުކޫކު ވިއްކައިގެން މިދިޔަ އަހަރު 192 މިލިއަން ޑޮލަރު ދަރަނީގެ ތެރެއިން ދައްކާފައިވާކަމުގައެވެ. އަދި ދަރަނީގެ ތެރެއިން 62 މިލިއަން ޑޮލަރު، އިންޓްރެސްޓާ އެއްކޮށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ދައްކާނެ ކަމުގައެވެ.
“މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު. އެހެންވީމަ ކުރިއަށް އޮތް މިޑިއަމް ޓާމްގައި ދަރަނި ދެއްކުމުގެ އެއްވެސް ކަހަލަ ރިސްކެއް ނެތް.” އަމީރު ވިދާޅުވިއެވެ.
އަމީރު މިހެން ވިދާޅުވިޔަސް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ދަރަނީގެ މައްސަލައިގައި ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރިސޯޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ފަތުރުވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީވެސް ނުކުރާ ވަރުގެ ބޮޑު އަސަރެއް ކުރާނެ ކަމުގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވިދާޅުވެފައެވެ.