
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހެދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މިހާރުގެ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަސައްކަތެއް ކަމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ ހޮސްޕިޓަލަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތާ ގުޅޭ މައުލޫމާތާއި ފޮޓޯތައް ހިއްސާކޮށްފައިވާ ފޭސްބުކް ޕޯސްޓުގައެވެ.
ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކު ޕޭޖުން ބުނީ ރީޖަނަލް ލެވެލެއްގައި ތަރައްގީ ކުރި އެ ހޮސްޕިޓަލުގެ މޭސްތިރިއަކީ ރައީސް ސޯލިހު ކަމަށާއި، އެމަނިކުފާނު އެ ހޮސްޕިޓަލު ހަދަން ނިންމެވީ ރަށްފުށުގެ ރައްޔިތުންނަށްވެސް ޓާޝަރީ މެޑިކަލް ހިދުމަތަކީ ކޮންމެހެންވެސް ބޭނުންތެރި ހިދުމަތެއްކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ކަމުގައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިވަރުގެ ބޮޑު ދޮގެއް ހެދުމާ ގުޅިގެން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ރައީސް ޔާމީންގެ މަސައްކަތްޕުޅެއް ކަމުގައެވެ. އަދި ރައީސް ސޯލިހުގެ މަސައްކަތްޕުޅެއް ކަމަށް ހޮސްޕިޓަލުން ނުބުނެފިނަމަ، އެ ހޮސްޕިޓަލުގެ ވެރިންގެ ވަޒީފާ ގެއްލެނީތޯ ނާޒިމް ސުވާލު ކުރެއްވިއެވެ.
Rayyithunnanh Olhuvaalan kamah tho thiya ulhuvaamee. Addu tertiary hospitalakee Raees Yaameen ge masakkatheh. Raees Solih ge masakkatheh kamah hospitalun nubunayyaa hospiitaluge verin ge vazeefaa gellenee tho? Hospital thakun mifadha bodethi dhogu hedhumun ithubaaru gelleyne. pic.twitter.com/M3tp7Geiwj
— Abdulla Nazim (@ANazim2019) June 5, 2022
ނާޒިމް ފާހަގަކުރެއްވިގޮތުގައި ހޮސްޕިޓަލަކުން އެވަރުގެ ބޮޑު ދޮގެއް ހެދުމުން އާންމުންގެ އިތުބާރު ގެއްލޭނެ އެވެ.
”ރައްޔިތުންނަށް އޮޅުވާލަން ކަމަށް ތޯ ތިޔަ އުޅުއްވަނީ.“ ނާޒިމް ވިދާޅުވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ސާކު ސަމިޓް ބާވަން ހެދި ކޮންވެންޝަން ސެންޓަރުގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވާން ކައިރިވެފައިވަނިކޮށް އެތަން މަރާމާތުކޮށް އާބާތުރަ ފިލުވުމަށްފަހު އިތުރު ކޮންސްޓަރަކްޝަންގެ މަސައްކަތާއެކު ރައީސް ޔާމީން ހިންގެވި ޕްރޮޖެކްޓެކެވެ. އަދި އެތަނަށް ޒަމާނީ ފެންވަރުގެ މެޝިނަރީޒް އާއި ވަސީލަތްތައް ހަމަ ކުރެއްވިއެވެ. އެ ހޮސްޕިޓަލަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ ރަނގަޅު ފެންވަރުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ނުލިބުމެވެ.