ޚަބަރު

ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައިފި!

މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާއާއި ގާތްކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރުން މިހާތަނަށް ލޯނުގެ ގޮތުގައި ނަގާފައިވާ 37 ބިލިއަން ރުފިޔާއާއެކު ދިވެހި ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދަކީ 98.9 ބިލިއަން ރުފިޔާ ނުވަތަ 6.4 ބިލިއަން ޑޮލަރެވެ.

ބޮލަކަށް ޖެހޭ ނިސްބަތުން ބަލާނަމަ މިއީ ބޮލަކަށް 182،943 ރުފިޔާއެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދަރަނީގެ ޖުމްލަ ވަނީ 4.8 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މި ތަފާސް ތަކާއެކު ރައީސް ސާލިހުގެ ސަރުކާރުން މިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށްވުރެ 55% އިތުރަށް ލޯނު ނަގާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްތަކުން ދައްކާ ގޮތުގައި ބޭރުގެ އެކި އެކި ފަރާތްތަކުން ސަރުކާރަށް ވަނީ 46 ބިލިއަން ރުފިޔާގެ ލޯނު ނަގާފައެވެ. އަދި ރާއްޖޭގެ އެކިއެކި ފަރާތްތަކުން (ބޭންކު ނުވަތަ އަމިއްލަ ފަރާތްތަކުން) ވަނީ 52.9 މިލިއަން ރުފިޔާ ނަގާފައެވެ. މީގެ ތެރެއިން 84.8 ބިލިއަން ރުފިޔާ ސީދާ ސަރުކާރަށް ނަގާފައިވާއިރު، ބާކީ 14.1 ބިލިއަން ރުފިޔާއަކީ ސަރުކާރު ޒިންމާވާގޮތަށް ނަގާފައިވާ ލޯނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެގޮތުން އެގްޒިމް ބޭންކުން ޖުމްލަ 19 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ނަގާފައިވާއިރު، މިއީ ޖުމްލަ ދަރަނީގެ 19% އެވެ.

ދަރަނީގެ ޖުމްލަ ގައުމީ އުފެންދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 113% އަށް އަރާފައިވާއިރު، މިއަހަރުގެ މިހާތަން ވަނީ ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާއިން 1.7 ބިލިއަން ރުފިޔާ އަނބުރާ ދައްކާފައެވެ. އަދި އިންޓްރެސްޓް ގެ ގޮތުގައިވެސް ހަމަ މިއަދަދު ދައްކާފައިވާއިރު، މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށާއި އިންޓްރެސްޓަށް ކުރަންޖެހޭނެ ހަރަދު 5.7 ބިލިއަނަށް އަރާނެކަމަަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

ސަރުކާރުން ބުނަމުންދާ ގޮތުގައި ދަރަނި އެހާބޮޑަށް ބޮޑުވެގެން ދިޔައީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި، މަޝްރޫއުތައް ހިންގުމުގެ ސަރުކާރުން ނެގި ދަރަނި އިތުރުވުމާ ގުޅިގެންކަމަށެވެ. އެހެން ނަމަވެސް ގައުމު އިގްތިސާދީ ގޮތުން އެހާ ދަށްވެފައިވަނިކޮށްވެސް ސަރުކާރުން ވަނީ ތިލަމާލެ ބްރިޖްގެ މަޝްރޫއަށް އިންޑިއާއިން ލޯނުގެ ގޮތުގައި 400 މިލިއަން ރުފިޔާ ނަގާފައެވެ.

One Comment

  1. ޔާމީން ލޯނު ނެގީ ރައްޔިތުންނަށް ޚިދުމަތްކުރަން. މީނާ ލޯނު ނަގަނީ ފަހަރީންނާއި ބައި ކުދީންނަށް ސިޔާސި މަގާމުތައް އުފައްދައި މުސާރަދޭން. ސިކުނޑި އެއް އޮތް މީހެއް ނަމަ އިސްތިއުފާ ދީފިން. ނަމަވެސް ނުދަންނަކަން ނުދަންނަ ޖާހިލަކަށް ވާއެއް ނުވާއެއް ނޭނގޭނެތާ. އަމީރުމެން ކޮންމެ ދޮގެއް ހެދިޔަސް މީނާ ގަބޫލުކޮށްލައިގެން ހުންނަނީ ގައުމު އޮޔާ ދާއިރު ވެސް. އަމީރު ކަންނެލި އޮޑިފަހަރާއި މާލެއިން ގޯތި ގަންނަނީ. މީނާ ބައިކުދީންނަށް ބޮޑު މުސާރަ ދީފައި ދުނިޔެ ބަލަން ދަތުރުކުރެވޭ ގޮތް އަމީރު ހަދައިފައި ސްވިސް ބެންކަށް ފައިސާކޮޅެއް ޖަމާކޮށްލެވުނީމާ އޯކޭ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button