ޚަބަރުސިޔާސީ

އިންޑިއާ އެމްބަސީގެ ނުފޫޒުން ދިވެހި އިސްލާމް ފޮތްތަކެއް ޗާޕު ކުރުން ހުއްޓުވައިފި

އިންޑިއާ އެމްބަސީގެ ނުފޫޒުން ދަރިވަރުންގެ ޓެކްސްޓް ފޮތްތަކެއް ޗާޕު ކުރުން ހުއްޓުވައިފިކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އޮފިޝަލަކު ވިދާޅުވީ ފޮތްތައް ޗާޕުކުރަން ހަވާލު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރި އެމް ސެވަން ޕްރިންޓަށް ކަމުގައެވެ. އެ ކުންފުންޏަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތާއި އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސްކޫލު ދަރިވަރުންގެ ޓެކްސް ފޮތްތައް އެންއައިއީ އިން އެމްސެވަން އާއި ހަވާލު ކުރުމުން ފޮތްތައް ޗާޕު ކުރުމުގެ މަސައްކަތް ކުރާ އެ ކުންފުނީގެ އިންޑިއާ މުވައްޒަފަކު ވަނީ ފޮތް ޗާޕު ކުރަން ދެކޮޅު ހަދާފައެވެ. އޭނާ ދެކޮޅު ހެދީ ދަރިވަރުންނަށް މަސައްކަތެއްގެ ގޮތުގައި ރާއްޖެ ފާހަގަ ކުރުމަށް ގްރޭޑް 5 ގެ ދިވެހި ފޮތުގައި ހިމަނާފައިވާ ޗާޓުގައި ރާއްޖެއާއި، ސްރީލަންކާ އަދި އިންޑިއާގެ ބައެއް ހިމެނޭގޮތަށް ހިމަނާފައިވާ ސަފްހާގެ މައްސަލައިގައެވެ. އެގޮތުން އިންޑިއާ ޗާޓުގެ ބައެއް ފޮތުގައި ހިމަނާފައި އޮތުމުގެ ބަދަލުގައި މުޅި އިންޑިއާ ފެންނާނެހެން އެ ސަފްހާ ބަދަލު ކުރުމުން ނޫނީ ޗާޕު ނުކޮށްދޭނެކަމަށް ބުނެ އޭނާ ވަނީ މަސައްކަތް ހުއްޓާލާފައެވެ.

”މި މީހުންގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެތާ ފޮތަށް ކޮމެންޓު ކުރާކަށް. މިއީ ޕްރިންޓް ކުރާ މީހުންތާ. މި މީހުން މައްސަލަ މި ޖައްސަނީ މީގަ އިނީ އިންޑިއާގެ އެއްބަޔޯ އަރުވާފަ ކިޔާފަ. ކަޝްމީރަކީ އިންޑިއާގެ ބައެއް ނޫނޭ، ޕާކިސްތާނުގެ ބައެއް ކަމަށޭ މި އިންނަނީ ކަނޑައަޅާފަ. އެހެންވީމާ މި ފޮޓޯ މީގެން ނަގާށޭ.“ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ބުނީ އެގޮތަށް އެމް ސެވަން އިން އެންގުމުން އެހެން އެކަން ނުކުރެވޭނެކަން އެންއައިއީން އެ ކުންފުންޏަށް އަންގާފައިވަނިކޮށް ޖެހިގެން އައި ދުވަހު އެޑިއުކޭޝަނުން އެންއައީއަށް އިންޑިއާ މީހާ އެދުނުގޮތަށް އެކަން ކުރަން އެންގި ކަމުގައެވެ.

”އެޑިއުކޭޝަނުން މި ބުނަނީ ފޮރިން މިނިސްޓްރީ އިން ތިމަންނަ މެނަށް އަންގައިފިޔޯ އެގޮތަކަށް އެކަން ކުރަން. މި ހިސާބަށް ކަންތައް ގޮސްފިއޭ އެހެންވީމަ މި ފޮޓޯ ނަގާށޭ. މެޕް ނުބައި ކޮށްލުމަކީ އިންޑިއާ ގާނޫނުގަ މަނާކަމެކޯ.“ އޮފިޝަލު ވިދާޅުވިއެވެ.

އިންޑިއާ ގާނޫނު ރާއްޖޭގައި ހިނގައިގެން ނުވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެ ފަހުން އަނެއްކާ ސާނަވީ ގްރޭޑް ތަކެއްގެ އިސްލާމް ފޮތުގައިވެސް ތިން ޗާޓެއް ބަދަލު ކުރަންޖެހޭ ކަމަށް އެމްސެވަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު އެޑިއުކޭޝަނަށް އެންގި ކަމުގައެވެ.

”އެޑިއުކޭޝަނަށް ސައްތާރު ފޮނުވާފަ މި އިންނަނީ މި ތިން ފޮތް ޕްރިންޓު ނުކުރެވި މިއިނީ މި ޗާޓުތައް ބަދަލު ނުކުރާތީއޭ ކިޔާފަ.“ އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގްރޭޑް 5 ގެ ދިވެހި ފޮތުގައި އިން ޗާޓު ބަދަލުކުރުމަށް ފަހު ފޮނުވުމުންވެސް އެކަމާ އެމްސެވަން އިން ހިތްހަމަ ނުޖެހިގެން އެންމެ ފަހުން އެ ސަފްހާ އެއްކޮށް ނެގީ ކަމުގައެވެ. އިންޑިއާ އެމްބަސީން އަންގައިގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެޑިއުކޭޝަނަށް މިވަރުގެ ބޮޑު ނުފޫޒެއް ފޯރުވި އިރު އެމްސެވަންގައި މަސައްކަތް ކުރާ އިންޑިއާ މީހާގެ ބާރުގަދަކަން މިކަމުން ހާމަވެގެންދިޔަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން މިރޭ 08:30 ގުޅުމުން ބުނީ އެ މައުލޫމާތު އޮޅުންފިލުވުމަށްފަހު ހިއްސާ ކުރާނެ ކަމުގައެވެ. އަދި 21:00 ގައި އެޑިއުކޭޝަނަށް ގުޅާލުމުން ވިދާޅުވީ، އެއްވެސް ފޮތެއްގައި މައްސަލައެއް އުޅޭނަމަ އިސްލާހުކޮށްފަ ނޫނީ ޕްރިންޓު ނުކުރާނެ ކަަމަށާއި މި މައްސަލައިގައި އެޑިއުކޭޝަންގެ ސްޓޭޓްމަންޓަކީ އެއީ ކަމުގައެވެ. އެމްސެވަންގައި މަސައްކަތް ކުރާ ބިދޭސީ މީހާ ނިސްބަތްވާ ގައުމުގެ ޗާޓުގެ އެއްބައި ގްރޭޑް 5 ގެ ދިވެހި ފޮތުގައި ހުރެގެން އެކަމާ އޭނާ ހިތްހަމަ ނުޖެހިގެން ފޮތް ޕްރިންޓު ނުކުރެވޭނެ ކަމަށް ބުނެފައިވާ މައްސަލައިގައި އެޑިއުކޭޝަންގެ ބަހަކީ ކޮބައިތޯ ތަކުރާރުކޮށް ”ބޮންތި“ އިން ސުވާލު ކުރުމުންވެސް އެ މިނިސްޓްރީ އިން ވަނީ އެމްސެވަން އިންތޯ ސުވާލު ކުރައްވައި އެކަހަލަ މައްސަލައެއް އުޅެންޏާ ހައްލު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

5 Comments

  1. އެމްސެވަން އަކީ މެލޭޝިއާގެ ބޮޑު ކުންފުންޏެއް. ރާއްޖޭގައި މިހިންގަނީ އެތަނުގެ ކުޑަ ބްރާންޗެއް. މީގެތެރެޔަށް އިންޑިޔާ މީހަކު ވަންނަންޖެހޭ ގޮތެއް ބަލަންޖެހޭތާ. ސްޓާފެއް އެވަރުގެ ކަމެއް ހުއްޓުވާނެ ގޮތް މިވިސްނެނީ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button