
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ޕްރޮމޯޓް ކުރާ މިހާރު ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރުދެއްކި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިންގެ ދިފާއުގައި އެންމެ ފަހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީއިން) ބަޔާނެއް ނެރެފިއެވެ.
އެމްއެމްސީން ބުނީ މިހާރު އެ މައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވާކަމުގައެވެ.
”މީޑިއާ އިދާރާތަކަށް ވަދެގަނެ، ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާ ހިސާބަށް ގޮސް، ބިރުދައްކައި އިންޒާރު ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން.“ ބަޔާނުގައި ވެއެވެ.
މިހާރު ނޫހުގެ ނޫސްވެރިންނަށް ބިރުދެއްކި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ”ބޮންތި“ އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ އެ ނޫސް ހިންގާ އޮފީހަށް ބަޔަކު ވަދެ އިންޒާރު ދީފައިވާ މައްސަލައާ ގުޅިގެން ސިޓީ އެއް 2022 ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެ ސިޓީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައެވެ.
ފަހަކަށް އައިސް ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާ ދިމާވަމުންދާ އެކި އެކި ގޮންޖެހުންތަކާ ގުޅޭ pic.twitter.com/81FmXxodTC
— Maldives Media Council (@mmc_mv) June 2, 2022
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ މިކަން ވަގުތުން ކުށްވެރި ކޮށްފައެވެ. އެމްޖޭއެމުން ބުނިގޮތުގައި ޓާގެޓްކޮށްގެން ނޫސްވެރިންނަށް ފުރައްސާރަކުރުމާއި، ދޮގު އިލްޒާމް އެޅުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ޑިމޮކްރަޓިކް ވެއްޓެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންކަން ހިނގައިގެން ނުވާނެ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.
އެއްވުންތައް ކަވާކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ އާއި، އިންޒާރާއި، ބިރުދެއްކުން ފަދަ ތުހުމަތު ތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަންކަން ކަމުގައި އެ ކައުންސިލުން ދެކޭ ކަމުގައިވެސް އެމްއެމްސީމް ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.