ވިނަރެސް ފެލްޓު ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި އިމާރާތްކުރަން ފެށި ހައުސިންގ މަޝްރޫއުގެ ނަން ”ވިނަރެސް” ހައުސިންގެ މަޝްރޫއަށް ބަދަލުކޮށް, އެ މަޝްރޫއުގެ މަޢުލޫމާތު ސެޝަންތަކާއި މޮކްއަޕް އެޕާޓްމަންޓް ދެއްކުމާ ރަޖިސްޓަރީ ކުރުން އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ވާގޮތުން ރަޖިސްޓަރީ ކުރެއްވުމަށް hdc.com.mv ވެބްސައިޓު މެދުވެރިކޮށް ހަމަޖެހިފައިވާނެ އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަވާލުކޮށްގެން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 902-883 އަކަފޫޓެވެ. 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ. ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވި ނަމަވެސް އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑު ވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ފައިސާ ދެއްކުމަށް އެކި މޮޑެލްތައް ވަނީ ކަނޑައަޅާފައެވެ.
ފްލެޓްތައް އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން އެޗްޑީސީން ވަނީ ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި “ވިނަރެސް” ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް “ވިނަރެސް” ގަތުމުގެ ފުރުސަތު ދީފައެވެ.