ޚަބަރު

އަންނަ އަހަރުން ފެށިގެން ޑްރޯން އޮޕަރޭޓްކުރުމަށް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭގޮތަށް ހަމަޖައްސަނީ

2023 އިން ފެށިގެން، ޑްރޯން އޮޕަރޭޓްކުރެވޭނީ ޓްރާންސްޕޯޓު މިނިސްޓްރީ އިން ހާއްސަ ހުއްދައެއް ނަގައިގެން ކަމުގައި، އެ މިނިސްޓްރީ އިން ނިންމައިފިއެވެ.

މިހެން އަމަލުކުރަން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހުގައި ޑްރޯނެއް ބޭނުންކޮށްގެން، ޓީއެމްއޭ ސީޕްލޭނެއް ޖައްސަން ދިޔަ ގަޑިއެއްގައި، އެ މަންޒަރުތަކެއް ވަރަށް ކައިރިން ނަގައިގެން އެ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ޑްރޯން ބޭނުންކުރުމުގެ ކުރިން އެ ރަޖިސްޓްރީކޮށް ލައިސަންސްއެއް ނަގަން ޖެހޭނެއެވެ.

މިހެން ހަމަޖެއްސިކަން ހާމަކޮށްފައިވަނީ، ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރު އައިޝަތު ނަހުލާ ދެއްވި ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގައި މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕްރޭޓްކުރުމުގެ ހުއްދަ ދިނުމުގެ އިންތިޒާމް ނިންމާނެކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގައި ޑްރޯން މެދުވެރިކޮށް އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ އަންނަ އަހަރުން ފެށިގެން ދޫކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

2016 ވަނަ އަހަރު ޖޫން މަހުގައި، ހުއްދަ ނުހޯދައި ޑްރޯން އެރުވުން މަނާކޮށްފައިވެއެވެ. މިގޮތަށް ނިންމާފައިވަނީ މޭލެ ފަދަ ތޮއްޖެހިފައިވާ ރަށްރަށާއި އެއާޕޯޓުތައް ހުންނަ ހިސާބުތަކުގައި ޑްރޯނު ދުއްވާއިރު ނުރައްކާތެރި ހާދިސާތައް ހިނގާފާނެތީ އެކަންކަން ހުއްޓުވުމުގެ ގޮތުންނެވެ. މާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ޑްރޯން އެރުވޭނީ ސިފައިންގެ ހާއްސަ ހުއްދައެއް އެކަމަށް ނަގައިގެންނެވެ. އެހުއްދަ ނުހޯދައި ޑްރޯން އެރުވޭނީ މާލޭގެ ރަސްފަންނުގައި އެކަންޏެވެ.

މިނިސްޓަރު ނަހުލާގެ ހިތާބުގައި އިތުރު ބައެއް ކަންތައްވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި 2023 ނިމުމުގެ ކުރިން 30 މިނެޓުގެ ކަނޑުދަތުރުގެ ރާސްތާއަކުން މީހުން ދިރިއުޅޭ ރަށްރަށުން ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމާއި، ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ އެއާލައިނުގެ އަދަދު 43 އަކަށް އަރާފައިވާކަމަށާއި އެއީ 27 ގައުމެއްގެ އެއާލައިންކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އެތެރޭގެ އުދުހުންތަކުގެ ހަރަކާތްތައް މިހާރު ހުރީ 90 އިންސައްތަ އަށްވުރެ މަތީގައި ކަމަށާއި ރާއްޖޭގައި ޖުމަލް 18 އެއާޕޯޓުން މިހާރު ހިދުމަތްތައް ފޯރުކޮށްދޭއިރު އޭގެ ތެރޭގައި ފަސް ބައިނަލްއަގްވާމީ އެއާޕޯޓު ހިމެނޭކަމަށް އެކަމަނާގެ ބަސްދީގަތުމުގައި ފާހަގަކޮށްފައިވެއެވެ. 2019ގެ އަދަދަށްވުރެ ބައިނަލްއަގްވާމީ އުދުހުންތައް 97 އިންސައްތައަށްވުރެ މަތީގައި ހުރި ކަމަށް ފާހަގަކޮށްފައިވާއިރު މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކޮވިޑްގެ ކުރީގެ ހާލަތާ އެއްހަމަކުރެވެމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button