ރިޕޯޓް

ފައިސާ ހޯދާނެ މަގެއް ނުހޯދޭ، ސަރުކާރު ހިންގަނީ ޓެކްސް ފައިސާއިން އެކަނި

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވިފައިވާކަމަށް އިއުލާންކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިތާ އަހަރެއް ވާން ކައިރިވަނީއެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް ގައުމުގެ އިގްތިސާދު ދަނީ ދަށްވަމުންނެވެ.

ކުރިން ސަރުކާރުން ބުނަމުން އައީ އިގްތިސާދު އެހާބޮޑަށް ދަށަށް ދިޔައީ ކޮވިޑާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވެ، ބޯޑަރުތައް ހުޅުވުމަށްފަހުވެސް، އިގްތިސާދަށް ވަކިން ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. ޑޮލަރުގެ އަގު އެނބުރޭ ވަހުތާނެއް ފަދައެވެ.

މިނިސްޓްރީ އޮފް ފިނޭންސުން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މޭމަހުގެ 26 އިން ފެށިގެން މި އަހަރުގެ މި މުއްދަތާ ހަމައަށް ސަރުކާރު ހިންގުމަށް ވަނީ ޖުމްލަ 14 ބިލިއަން ރުފިޔާ ހަރަދުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ އިތުރުން ދައުލަތަށް ލިބިފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 11.1 ބިލިއަން ރުފިޔާއެވެ. މި އަދަދުގެ 71% އަކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ފައިސާއެވެ. އެގޮތުން މުދަލާއި ހިދުމަތުގެ ޓެކްސްއިން އެކަނި ދައުލަތަށް 4.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއިން އެންމެ ބޮޑު އަދަދެއް އިތުރުވެފައިވަނީ ވިތްހޯލްޑިންގް ޓެކުހުންނާއި، އިންޑިވިޖުއަލް އިންކަމް ޓެކުހުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު އިންޑިވިޖުއަލް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ 44 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ދައުލަތަށް ވިތްހޯލްޑިންގް ޓެކުހުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ 110.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 126.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔައަހަރުގެ މި މުއްތަދާ ބަލާއިރު 16.5 މިލިއަން ރުފިޔާގެ އިތުރުވުމުކެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ މި ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ރައްޔިތުންގެ އަތުން ދައުލަތަށް ލިބޭ ފައިސާގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، މި ފައިސާ މުޅިންހެން ހަރަދުވެގެން ގޮސްފައިވަނީ ސަރުކާރު ހިންގުމަށެވެ.

ދައުލަތަށް ފައިސާ ހޯދާނެ އިތުރު މަގުތަކެއް ސަރުކާރަކަށް ނުހޯދުނެވެ. އަދި ކިއެއްތަ ކުރީން ދައުލަތަށް ފައިސާ ލިބުނު އެތައް މަގެއް ބަންދުވެއްޖެއެވެ. ރާއްޖޭގެ ހުރިހާ ސިނާއަތެއްހެން ކުރިއަށް ހިނގުމުގެ ބަދަލުގައި ހިނގަނީ އަރިހުރަހަށެވެ. ބޯކޮޅު ވަތަށެވެ. ވީމާ މުޅި ދައުލަތް މިހާރު ހިނގަނީ ޓެކްސް ފައިސާއިން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކޮވިޑު-19 އަށްފަހު އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ، ފައިސާ ހޯދާނެ ގިނަ މަގުތައް މުޅިިންހެން ބަންދުވެފައިވާއިރު، ރައްޔިތުން މިހާ ބޮޑު ބުރައެއް އުފުލަން ޖެހުމަކީ ކޮވިޑް-19 ގެ ގޮންޖެހުމަކަށްވުރެ ބޮޑަށް ސަރުކާރުގެ ފެއިލިއަރ ނޫން ބާވައެވެ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button