
ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަރު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވިކަމަށް ބުނެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ މާދަމާގެ އަޑުއެހުން ލައިވް ކުރާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވީ މާދަމާގެ އަޑު އެހުން އޮންނާނީ މެންދުރު 13:00 ގައި ކަމުގައެވެ.
މި މައްސަލައިގައި ބެލެވޭގޮތުގައި މީގެ ކުރިން 5 އަށްވުރެ ގިނަ އިބުތިދާއީ އަޑުއެހުމެއް ބާއްވާފައިވެއެވެ. އަދި އެޕްރީލް 11 ގައި މި މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ޝަރީއަތުގެ މަޖިލީހުން ނިންމީ މަދަނީ މިންގަނޑުންނެވެ.
ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ މައިގަނޑު ހެކި ބިނާކޮށްފައި އޮތީ ފާސިގުންގެ ހެކިބަހަށް ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެދުވަހު ވަނީ ވިދާޅުވެފައެވެ.
މިގޮތަށް ނިންމެވުމުގެ ކުރިން ރައީސް ޔާމީންގެ ވަކީލުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރިގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތަކީ ފާސިގުންގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެ ދެ ފަރާތުގެ ވާހަކަތަކަށް ބުރަދަނެއް ލިބޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަން ފާހަގަކުރައްވާފައެވެ. އަދި މި މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް، ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ޔޫސުފް ނައީމް ވެސް ވަނީ އެވާހަކަތަކަށް ތާއީދު ކުރައްވާފައެވެ.
އެކަމަކު ދައުލަތުގެ ވަކީލުން ވަނީ އަދީބާއި ޒިޔާތުގެ ވާހަކަތަކަށް ބާރުލިބޭ ހެކި ހުށަހަޅާފައިވާނެ ކަން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންގޮސްދިނުމަށް އެދުނެވެ. އެއާއެކު ގާޟީ ޝަކީލް ނިންމެވީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދިޔުމަށެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްސަލައިގައި ދައުވާ ކުރާ ރިޝްވަތު ހިއްޕެވި ކަމުގެ މައްސަލައާއި ގުޅޭގޮތުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީނާއި ޔޫސުފް ނައިމާއި ދެމެދު ހިނގާފައިވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމުގައެވެ. އެއީ އެއްވެސް ކަމެއްގެ މުގާބިލުގައި ލިބުނު ފައިސާއެއް ނޫން ކަމަށްވާއިރު، އެއިން ޔާމީނަށް ލިބުނު މަންފާއެއް ނެތްކަން ޖަމީލް ފާހަގަކުރެއްވިއެވެ.
ޖަމީލްގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީނަށް ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެފަދަ މުއާމަލާތެއް ހިންގުމަށް ގާނޫނު އަސާސީގެ 119 ވަނަ މާއްދާ ތަން ނުދޭ ކަމުގައެވެ. އެއާއެކު ޑރ.ޖަމީލް ވަނީ ދައުލަތުން ރައީސް ޔާމީން ފްރޭމް ކުރުމަށް މަސައްކަތް ކުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެކަމަށްވެސް ދައުލަތުން އިންކާރު ކުރިއެވެ.
އެޕްރީލް 11 ވަނަ ދުވަހުގެ އަޑުއެހުމުގައިވެސް ރައީސް ޔާމީންްގެ ފަރާތްޕުޅުން ވަނީ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންްދިއުމާމެދު ކޯޓުގެ ނިންމުމަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ސުވާލަށް ގާޟީ ޝަކީލު ޖަވާބެއް ނުދެއްވައެވެ.
ޔާމީންގެ ޝަރީއަތް ލައިވް ކުރުމަށް ސަންގު ޓީވީ އާއި ޗެނަލް 13 އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށް ކްރިމިނަލް ކޯޓަށް މީގެ ކުރިން ސިޓީއެއް ހުށަހަޅާފައެވެ. އެކަމަށްވެސް އެއްވެސް ޖަވާބެއް ނުދެއެވެ. އެޕްރީލް 11 ގެ އަޑުއެހުން ނިމުނީ މައްސަލަ ފެށުމުގެ ކުރިން ހުށައަަޅަން ހުރި ލިޔެކިޔުންތައް ހުށައެޅުމަށް ދައުލަތާއި ދައުވާ ލިބޭ ދެ ފަރާތަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެންގުމަށް ފަހުގައެވެ.
މެއި މަހުގެ 25 ވަނަ ދުވަހުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ދިފާއުން ހުށަހެޅި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީއަތުން ބަލައެއް ނުގަނެއެވެ. ޝަރީއަތުން ބުނީ އެކަމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު ކޯޓަށް ހުށަހެޅުންތައް ހުށަނާޅާ އޮތް ކަމުގައެވެ.
އެކަމަކު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު ގުނުމުގައި ކުރިމިނަލް ކޯޓުން އަބަދު ވެސް މުއްދަތު ގުނަމުން އައިސްފައިވަނީ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދޭ ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެދޭތެރަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުލާ ކަން ޔާމީންގެ ވަކީލުން ފާހަގަކުރިއެވެ. އެމަނިކުފާނުގެ ވަކީލުން މެއި 25 ގައި ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތު ދެއްވާފައިވަނީ 11 އޭޕްރިލް 2022 ވަނަ ދުވަހުގައި ކަމާއި، ކުރިމިނަލް ކޯޓުން މުއްދަތު ގުނަމުން އައި ގޮތަށް ބަލާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވުނު މުއްދަތު ހަމަވާނީ 10 މެއި 2022 ވަނަ ދުވަހުގައި ކަަމުގައެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ 9 މެއި 2022 ގައިކަންވެސް ވަކީލުން ބުނެފައިވެއެވެ.
“މި މައްސަލައެކޭ އެއްގޮތަށް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަސް ދެއްވުމުން އެ 10 ދުވަސް ގުނާނީ ބަންދުވަސްތައް ލައިގެންތޯ ނޫންތޯ ސާފުކުރުމަށް ކުރިމިނަލް ކޯޓުގައި ސިޓީއަކުން އެދުމުން ޖަވާބުގައި “މި ކޯޓުގެ ނަންބަރު 410,411/Cr-C/2020 ގަޟިއްޔާއާގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ޝަރީއަތުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނާނީ ގާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ބަންދު ދުވަސްތައް ނުހިމަނާ ކަމުގައި ދެންނެވީމެވެ” މިފަދައިން ބަޔާންކޮށް ޖަވާބު ދެއްވާފައިވާތީ، ވ. އާރަށާ ގުޅޭގޮތުން ދައުލަތުން ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގައި އަޅުގަނޑުމެން ބަލާފައިވާނީ ކުރިމިނަލް ކޯޓުން މުއްދަތު ގުނުމުގައި އަމަލުކުރަމުން އައިސްފައިވާ އުސޫލަށެވެ.” ވަކީލުންގެ ބަޔާނުގައި ވެއެވެ.
ކުރިމިނަލް ކޯޓުގައި މިހާތަނަށް ވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސްތައް ނުލައި ކަމަށާއި، ޔާމީންގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅީ އެގޮތުގެމަތިން މުއްދަތު ގުނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، އެމަނިކުފާނުގެ ވަކީލުންނަށް އެކަމުގައި އޮޅުމެއް އަރާފައެއް ނުވާކަމުގައި ބަޔާނުގައި ވަނީ ބުނެފައެވެ.
ބެލެވޭގޮތުގައި މާދަމާ އޮންނާނީ މި މައްސަލައިގެ އިބުތިދާއީ މަރުހަލާ ނިމުމަށްފަހު ބާއްވާ ޝަރީއަރުގެ ފުރަތަމަ އަޑުއެހުމެވެ.