
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއިން މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ބައިނަލްއަގްވާމީ ކެންޕެއިނެއް ފަށައިފިއެވެ.
މި ކެންޕެއިނުގެ ދަށުން ބީޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ތެޖަސްވީ ސޫރިޔާ، އޮސްޓްރޭލިއާގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަދައްކަމުން ބުނީ، މުސްލަމުންނާއި ޖަރުމަނުގެ ނާޒީންނާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
އޭނާ ބުނިގޮތުގައި ޖަރުމަނުގެ ނާޒީން ޔަހޫދީންނަށް ދިން އަނިޔާގެ ވާހަކަ އަބަދުމެ ދެކެވޭ ފަދައިން، މުސްލިމުންގެ އަނިޔާވެރިކަމުގެ ވާހަކަވެސް ގަދަޔަށް ފަތުރަންޖެހޭކަމަށެވެ. އަދި މިއީ ބީޖޭޕީގެ މަގްސަދު ކަމަށާއި، މުޅި ދުނިޔޭގެ ކުރިމަތީގައި މުސްލިމުން ފަލީހަތް ކުރަން ޖެހޭ ކަމަށަ ބުންޏެވެ.
މި ބައްދަލުވުމުގައި ތެޖަސްވީ ވަނީ، އިންޑިޔާގައި މުސްލިމުން ގަތުލް އާންމުތައް ހިންގާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި އިންޑިއާގެ ޝާއިއެއްގެ ވާހަކަ ފާހަގަކޮށް ސިފަކުރި ގޮތުގައި އިންޑިއާގައި އިސްލާމްދީން ފެތުރުމުގެ ފެށުމަކީ ދުނިޔެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި އެއް ހާދިސާކަމަށް އޭނާ ބުންޏެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވާ ބީޖޭޕީ އަކީ ހިންދޫ މަހާބާސާއިންގެ ދަރިކޮޅުން ފެށިގެންއައި ޕާޓީއެކެވެ. އެމީހުންގެ ފިކުރިއްޔާތުގެ މަސްދަރަކީ މުސްލުންނާއި، އިސްލާމްދީނުގެ މައްޗަށް ނަފްރަތު އުފެއްދުމެވެ.