މިނިސްޓްރީގެ ގިނަ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދޫނުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރަނީ، މަޖްލިސް މެންބަރުން އެގޮތަށް އެދިލައްވާތީ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ޓެންޑަރ ޕްރޮސެސް އަކައި ނުލައި އަމިއްލަ ކުންފުނިތަކަށް ޖާގަ ހަނިވާގޮތަށް މަޝްރޫއު ހަވާލުކުރަނީ ކީއްވެތޯ ސުވާލުކުރެއްވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެފަދައިން އެކަން ކުރިއަށްގެންދާ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ މަޖްލީހުގެ މެންބަރުން އެފަދައިން ކަންކުރުމަށް އެދިލެއްވުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށުގެ މަޝްރޫއުތައް ހިންގުމަށް ވަކި ކުންފުނިތަކާ ހަވާލުކުރުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުން މެސެޖުކޮށް އަދި ފޯނުން ގުޅުއްވާ ކަމަށެވެ. އަދި ސޮއެ ކުރުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާކަމަށް ނުރުހުމުގެ ރާގަކުން ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެގޮތަށް ކަންކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އެމަނިކުފާނަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެހެން ކަންކުރުމުގެ ސަބަބުން ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ފުނިޖެހި، އިސްރާފު ބޮޑުވެ، މަސައްކަތްތައް ލަސްވާނެކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް މިފަދައިން މިކަން ކުރުން ހުއްޓާނުލާ ސަބަބެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުން މަޖްލިސް މެންބަރުންގެ މިފަދަ އެދުންތަކާ ދެކޮޅު ނުހައްދަވަނީ ކީއްވެކަމެއްވެސް ވިދާޅެއް ނުވެއެވެ.