ޚަބަރުސިޔާސީ

އާންމު ވެގެން އުޅޭ ފްލެޓް ލިސްޓަކީ ފޭކެއް: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ބެލުމަށްފަހު އާންމުކޮށްފައިވާ ފްލެޓް ނުލިބޭ މީހުންގެ ލިސްޓެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކުރަމުން ދަނީ އެކޮމިޝަންގެ ލިސްޓެއް ނޫން ކަމަށް ބުނެފިއެވެ.

އޭސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މި ކޮމިޝަނުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައެވެ.

އޭސީސީއިން ކުރާ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވަމުން އެ ކޮމިޝަނުން ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެފަދަ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިދަނޑިވަޅުގައި ހައުސިންގ މިނިސްޓްރީންވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވާގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް އިއުލާނުކުރި “ގެދޮރުވެރިޔާ ސްކީމް” އާއި އެ ސަރަހައްދުން ގޯތި ދޫކުރުމަށް އިއުލާން ކުރެވުނު “ބިންވެރިޔާ ސްކީމް” އާއި ގުޅިގެން ސިޔާސީ ބޭނުމަށް ހަގީގަތާއި ހިލާފު ވާހަކަ ދައްކަމުން ގެންދާކަމުގައެވެ. އަދި އެފަދަ ވާހަކަ ނުފެތުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ދެ ސްކީމްގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު އެއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ނިމުނު އެމްޑީޕީގެ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވާފައި ވަނީ ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއެކު ބައެއް ފަރާތްތަކަށް އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން ކަމަށްވާއިރު އެ މައްސަލަ ވަނީ ވަރަށްބޮޑަށް ހޫނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button