އަންހެން ކަނބަލުން ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން
”އިންޑިއާ އައުޓް“ ހަރަކާތުގެ ބައިވެރިން ބެނާތަކާއި ދިދަތަކާއެކު ހޯމަ ދުހުގެ ރޭ 9:00 ޖެހިއިރު މުޒާހަރާ ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
އެ އޮފީސް ކުރިމަތީ ޝުއޫރު ފާޅުކުރުމައް ފަހު މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މަޖީދީ މަގަށެވެ. އެއްވުމުގެ ބައިވެރިން ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ ގައި ވެސް ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ޝުއޫރު ފާޅުކޮއްފައިވެއެވެ.
ޕީޕީއެމްގެ މެންބަރު ހަލީމަތު ”ބޮންތި“ އަށް ކިޔައިދިން ގޮތުގައި ފުލުހުން އަމަލު ކުރަމުން ދަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށެވެ.
ފުލުހުން މިހާރު ވަރުބަލިވެ ގޮތް ހުސްވެއްޖެ. ފުލުހުން ރުޅިގަދަވެ އުމުރުން ދުވަސްވީ މީހުންނަށް ވެސް ބެލުމެއް ނެތި ހިފާ ހައްޔަރު ކުރަނީ. ފިރިހެން ފުލުހުން ފޮނުވައިގެން އަންހެނުން ހައްޔަރު ކޮށް ފިރިހެން ފުލުހުން އަންހެނުން ގައިގަ އަތްލާ.“ ހަލީމަތު ބުންޏެވެ.
އަންހެނުންގެ ހައްގު ކޮބައިތޯ އާއި، ތަހުގީގީ އިދާރާތަކުން މިނިވަންކަމާއެކު ތަހުގީގް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ފާއިތުވި ދެ ތިން ދުވަހު މާލޭގައި އިދިކޮޅުން ބާއްވާފައިވާ ”އިންޑިއާ އައުޓް“ އިހުތިޖާޖުތަކުގެ ތެރެއިން ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެއެވެ. މި އިހުތިޖާޖުތަކުގައި އަންހެނުން ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވާތަން މީޑިއާތަކައްވެސް ވަނީފެނިފައެވެ.
އަންހެނަކު ފުލުހުންގެ ވެހިކަލަށް ލުމަށްފަހު، އޭގެ 15 މިނެޓު ފަހުން އެ އަންހެންމީހާ ވަނީ ދޫކޮށްލާފައެވެ. އަދި އެއްވެސް އިންޒާރަކާ ނުލާ ހަރަކާތުގެ ބައިވެރިންގެ ލޯތަކަށް ފުޅި ހުސްވަންދެން ޕެޕާ ސްޕުރޭ ވެސް ވަނީ ބޭނުން ކޮށްފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުގައި، މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.