ޚަބަރުސިޔާސީ

ވިލުފުށީ ހޮސްޕިޓަލާއި، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނެކަން ޔަޤީން: ރައީސް

ވިލުފުށީ ހޮސްޕިޓަލާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ވިލުފުށީ ކައުންސިލަށް ދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިޔަމިގިލީ ކައުންސިލް އިދާރާގައި ކޮޅުމަޑުލު ވިލުފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށި ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުމާއި،  ހޮސްޕިޓަލުގެ މަޝްރޫޢު ފެށުމާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދިއުން ކަމުގައި ކައުންސިލުން ފާހަގަ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވިލުފުށީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ވެސް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރެއްވިއެވެ. އެގޮތުން މަސްވެރިކަން ފުޅާކުރުމަށާއި، ފަތުރުވެރިކަން ތަރައްޤީކުރުމާއި، ސުނާމީގެ ސަބަބުން ގެދޮރުގެ ދަތިކަން ކުރިމަތިވި ޢާއިލާތަކަށް އެކަމުގެ ހައްލު ހޯދައި ދިނުމަށް ޓަކައި އެއްބަސްވެވޭ ގޮތެއްގެ މަތިން ހައްލެއް ހޯދުމަށް ބޭނުން ފުޅުވާކަމުގައި ވިލުފުށި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ވިލުފުށީ ބަނދަރު ފުޅާކުރުމުގެ މަސައްކަތާއި، ރަށުގައި ހަދަމުންދާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުގައި، އެތަންތަން ނިމުމުގެ ކުރިން، އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ވިލުފުށީ ރައްޔިތުން ބޭނުންވެފައިވާ ކަންކަން ފުރިހަމަކޮށް ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button