ރިޕޯޓް

ގަވައިދާ ހިލާފަށް އެމްޕީއެލުން ކަރަންޓު ވިއްކާ މައްސަލައެއް!

މާލެ ވިޔަފާރި ބަނދަރުގައި ސްޓެލްކޯގެ ގަވާއިދާއި އެނަރޖީ އޮތޯރިޓީގެ ގަވާއިދާ ހިލާފަށް ކަރަންޓު ވިއްކާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ރައީސް ފުއާދު ޒާހިރު އާއި ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ ”މެންދުރު އޮންލައިން“ އިން ރިޕޯޓު ކުރިގޮތުގައި ސްޓެލްކޯގެ ކަރަންޓް، ދިވެހި ވިޔަފާރިވެރިންނަށް ޔުނިޓަކަށް 50.00 ރުފިޔާގެ މަގުން އަންނަނީ ވިއްކަމުންނެވެ.

އެގޮތުން ރީފާ ކޮންޓެއިނާ ނުވަތަ ކަރަންޓު ބޭނުންކޮށްގެން ފިނިކޮށްފައި ހުންނަ ކޮންޓެއިނާ އަކަށް ދުވާލަކަށް 1600.00ރ. ދައްކަންޖެހޭ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ. އަދި ފައިސާ ދެއްކިޔަސް ކޮންޓެއިނާތަކަށް ކްލިއަރެންސް ނުދީ ހިފަހައްޓައިގެން އިތުރަށް ފައިސާ ނެގޭގޮތަށް ގަވާއިދުތައް ބައްޓަން ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

”ރީފާ ކޮންޓެއިނާ ތަކުގައި ހުންނަ މުދަލަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދަލަށް ވާތީ، ދުނިޔޭގެ ހުރިހާ ބަނދަރެއްގައާއި ބޯޓުފަހަރު ތަކުން ވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން އަވަސް ޚިދުމަތް ރީފާ ކޮންޓެއިނާ އަށް ދޭ ކަމަށާއި ނަމަވެސް އެމްޕީއެލް ގައި މިކަންވެސް އޮންނަނީ ދިމާ އިދިކޮޅަށް ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.“ މެންދުރު އޮންލައިނުން ރިޕޯޓް ކޮށްފައިވެއެވެ.

އެ ނޫހުން ބުނީ ކޮންޓެއިނާ ހުސްކުރުމުގެ އަވަސް ހިދުމަތުގެ ދަށުން އެކްސްޕްރެސް ފީގެ ގޮތުގައި ކޮންމެ ކޮންޓެއިނާ އަކުން ކުރިން ނަގަމުން އައި 1100.00ރ. މިހާރު 2000.00ރ. އަށް ބޮޑުކޮށްފައިވާ ކަމުގައެވެ.

ބައިނަލްއަގްވާމީ ބަނދަރުތަކުގައި އާންމުކޮށް އެވްރެޖް ގޮތެއްގައި ނަގަމުން އަންނަ ”ވޯފޭޖް އެންޑް ހޭންްްޑްލިން ޗާޖު“ ޑަބަލްކޮށް، އެމްޕީއެލް އިން ނެގުމާއި، ސްޓިވްޑޯރިންގެ ނަމުގައި އެމެރިކާ ޑޮލަރުން ފީ ނެގުމަށްފަހު، ހަމަ އެއަދަށް ދިވެހި ރުފިޔާއިން ޓާމިނަލް ހޭންޑްލިންގ ފީ ނަގަމުންދާ ކަން ފުއާދު އާއި ހަވާލާދީ ”މެންދުރު އޮންލައިން“ އިން ފާހަގަކޮށްފައިވެއެވެ.

ފުއާދު އެ ނޫހަށް ހިއްސާކޮށްފައިވާ އަނެއްކަމަކީ، އާންމު އުސޫލުން ކޮންޓެއިނަރު ނޯޓުކުރުމުގެ މަރުހަލާ އުނދަގޫވެ، ޑެމަރޭޖުވެދާނެ ކަމުގެ ބިރަށް އެކްސްޕްރެސް ޚިދުމަތް ބޭނުން ނުކޮށް ވިޔަފާރިވެރިންނަށް މުދާ ނެރެވެން ނެތުމާއި، މަދު މަޖޫރީ ގްރޫޕްތަކުން ބަނދަރުގެ ހިދުމަތްތައް މޮނޮޕޮލައިޒްކުރުމުގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ ބާޒާރަށް ނެރެ ވިއްކުމުގައި ތަކުލީފު އުފުލަން ޖެހުމެވެ.

އެމްޕީއެލްގެ ބޯޑުގެ ޗެއާމަނަކީ ކެޕްޓަން މުޙައްމަދު ޝަރީފް (ސެންކޯ ޝަރީފް) އެވެ. ޝަރީފް އެމަގާމަށް ހަމަޖައްސަވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ ފަހުން  2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button