ހިޔާލު ފާޅުކޮށްގެން ޖަލަށް ލީ ބޭފުޅެއްގެ ލަގަބު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހޯއްދަވައިގެން އިދިކޮޅު މެންބަރުންގެ ކަރުގައި ހިފުމަކީ އަޖައިބެއް ކަމުގައި ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރެއްވުމުގެ ސަބަބުން ޖަލަށް ލެވުނު ބޭފުޅެއްގެ ލަގަބު ރައީސް ނަޝީދަށް އެރުވިއިރު، އެފަދަ ބޭފުޅަކު މިއަދު އަންނަނީ އިދިކޮޅު މެންބަރުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.
Ex-@amnesty Prisoner of Conscience @MohamedNasheed advocates for draconian interpretation & implementation of irrelevant provision of criminal law to stifle opposition. Call to abrogate freedom of expression violates constitutional & intl obligation. @UNHumanRights @RSF_inter pic.twitter.com/uHXIiQlNrl
— Mohamed Jameel Ahmed (@MJameelAhmed) May 30, 2022
މިކަމުގެ ތަފްސީލް ”ބޮންތި“ އަށް އިތުރަށް ދެއްވަމުން ޖަމީލް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނު ބޭނުންފުޅުވީމަ، އެ ބޭނުންވާ ކަމެއް ހާސިލް ކުރެއްވުމަށް ދުލުގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ.
”އެއީ ރައީސް ނަޝީދަށް އެކަނި އޮންނަ ހައްގެއް ތޯ؟ މިހާރު އެ ދަނީ ވަރަށް އަނިޔާވެރިގޮތަކަށް ޝުއޫރު ފާޅުކުރުމުގެ ހައްގަށް އަރައިގަންނަމުން. ތާ އަބަދަކު ޣައިރު ގާނޫނީ އަމުރު މައުރޫފު ހިންގާކަށް ނުތިބެވޭނެ.“ ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލް މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ.ދޫވެހި ގޭގައި ހަރުކޮށްފައި ހުރި ”އިންޑިއާ އައުޓު“ ބެނާ ފުލުހުން ނެގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލް ކުރުމުން، ނަޝީދު ހައި ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އަމުރު ނެރުނީ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.