
ޖަޕާނަށާއި، ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދެ ސަފީރަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ހަމަޖެއްސެވީ ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރެވެ. ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހަމަޖެއްސެވީ ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤެވެ.
ރައީސް ސޯލިހު، ޙަސަން ޞާބިރަށާއި، ޢުމަރު ޢަބްދުއްރައްޒާޤަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޙަސަން ޞާބިރު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސް ސޯލިހު ވަނީ އޭނާ ކުރިން ހުންނެވި މަޤާމުކަމުގައިވާ ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި ޙަސަން ޞާބިރު ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.
ޢުމަރު ޢަބްދުއްރައްޒާޤު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސް ސޯލިހު ވަނީ އޭނާ ކުރިން ހުންނެވި މަޤާމުކަމުގައިވާ ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި ޢުމަރު ޢަބްދުއްރައްޒާޤު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.