
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ކަމަށްވާ ހ.ދޫވެހު ގޭގައި ދަމާފައި ހުރި ބެނާ ފުލުހުން ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެން ބެނާ ހޯދަން ދިއުމުން ހުކުމެއް އޮތަސް ވަގުތުން ބެނާ ނުދެވޭނެ ކަމަށް ފުލުހުންނާ ހަވާލާދީ އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅު ޕްްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބެނާ އަނބުރާ ހަވާލު ކުރުމުގެ ކަންކަން ކަމާ ބެހޭ ޑިޕާޓުމެންޓުން ނިންމާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމުގައެވެ. އަދި އެކަމުގައި އަމަލު ކުރާނެ ގޮތް ޕީޕީއެމަށް އަންގާނެ ކަމަށް ފުލުހުންނާ ހަވާލާދީ ހީނާ ވިދާޅުވެފައިވެއެވެ.
މިއަދު ހެނދުނު 11:00 އެހާކަން ހާއިރު އިދިކޮޅުން ވަނީ ބެނާ ބަލާ ފުލުހުންގެ ހެޑް އޮފީސް ހުންނަ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ގޮސްފައެވެ.
ފުލުހަށް ދިޔަ އިސް ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ނައިބު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ޕީޕީއެމްގެ ނައިބު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އަދި ޕީޕީއެމްގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއަރ މުހައްމަދު އިސްމާއިލް ހިމެނެއެވެ.
ރައީސް ޔާމީންގެ ގެކޮޅުން ނެގި ބެނާގެ އިތުރުން ޕީޕީއެމް އޮފީސް ހުންނަ އިމާރާތުން ނެގި ބެނާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މީގެ އިތުރުން ބައެއް ގެތަކުގައި ހަރުކުރި ބެނާވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.