އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރި ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދެއްވި ކަމަށް ބުނެ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީ އިން މިއަދު ”ވަގުތު“ ނޫހަށް މައުލޫމާތު ދެމުން ބުނީ ފަނޑިޔާރަކަށް ނުވަތަ ޝަރީއަތަކާ ގުޅިގެން އެއްވެސް ފަރާތަކުން އިންޒާރެއް ދީފި ނަމަ، އެކަން ފުލުހުންގެ ސަމާލު ކަމަށް ގެންނަ ކަމުގައެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ފުލުހުންނަށް ފޮނުވީ މިދިޔަ ހަފުތާގައި ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
އެ މައްސަލައިގައި ބަލައިދިނުމަށް އެދުނީ އަލީ ރަޝީދުގެ ސެކިއުރިޓީ އަށް ސަމާލުވުމަށާއި ޖިނާއީ މައްސަލައެއް ހިމެނޭ ނަމަ އެކަން ތަހުގީގު ކޮށްދިނުމަށެވެ. އެކަމަކު މިކަމާ ގުޅިގެން ފުލުހުން އަދި އެއްޗެކޭ ނުބުނެއެވެ.
ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައަކީ ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެމްބަރު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ނިސްބަތް ކޮށެވެ. އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު ”ޖަމްޕު ޖެހީ“ ގާބިލުކަމާއި ތަޖުރިބާގެ މައްޗަށް ބަލައިގެން ނޫން ކަމުގައެވެ. އަދި އެއީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމުގައި ޔާމީން ވިދާޅުވިއެވެ.
”ގާބިލްކަމެއް ނެތި ޖަމްޕް ޖަހާފައި ތިބި ފަނޑިޔާރުން ތިބުމުން މުއައްސަސާތައް ތާހިރު ކުރަން ޖަލުތައް ބޮޑުކުރަން ޖެހޭ.“ ރައީސް ޔާމީން އެ ޖަލްސާގައި ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އެ ހުކުމް ކުރަން އަސްލު އޮތީ އެ މަހުގެ 5 ވަނަ ދުވަހުގައެވެ. އެކަމަކު ހުކުމަށް 5 ގަޑިއިރަށް ވެފައި ވަނިކޮށް ކުލިގޮތަކަށް އޭރު މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑު ކުރިއެވެ. އޭގެ ފަހުން އެ މައްސަލަ އާއި ހަވާލު ވީ އަލީ ރަޝީދެވެ. އަދި ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާއެކު އޭނާ ސުޕްރީމް ކޯޓަށް ބަދަލު ކުރިއެވެ.