ޚަބަރުސިޔާސީ

ބޮން ގޮއްވާލި ރޭ އަދީބު ކުރީ ކީއްކަން މުއާޒަށް ވަރަށް ރަނގަޅަށް އެނގޭނެ: މަންޑޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އާއި އެމަނިކުފާނުގެ އާއިލާ ދަތުރު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗު ގޮއްވާލި ދުވަހުގެ ކުރީ ރޭ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވީ ކޮންކަމެއްކަން ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު އަދި އަދީބު މިހާރު އުފައްދަވައިގެން އުޅޭ ޕާޓީ މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ މިހާރުގެ ނައިބު ރައީސް އިބްރާހީމް މުއާޒު އަލީ އަށް އެނގޭނެކަމުގައި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށްފަހު، ޑީއާރުޕީގައި ކުޑަ ދުވަސްކޮޅަކަށް އުޅުއްވުމަށްފަހު މިހާރު އެމްޓީޑީ އާ ގުޅިގެން އުޅުއްވާ މުއާޒު އަންނަނީ ފިނިފެންމާ ލޯންޗު ގޮއްވާލުމުގައި އަދީބުގެ މައްޗަށް ކުރި ޝަރީއަތަކީ ބޭ އިންސާފު ޝަރީއަތެއް ކަމާއި، އަދީބު ފްރޭމް ކުރިކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ ހާދިސާ އަކީ ރައީސް ޔާމީން ކުރެއްވި ކަމެއް ގޮތުގައި ދޭހަވާފަދަ މޭރުމަކުންވެސް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.

މިކަމަށް ރައްދު ދެއްވައި މަންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮން ގޮއްވާލި ރޭ އަދީބު ހޭލާ ހުންނެވިކަން މުއާޒަށް އެނގިވަޑައިގަންނަވާ ކަމުގައެވެ.

”އަދީބް އެރޭ ހޭލާ ހުރި ތަނާ، ކުރި ކަންތަކާ، ބައްދަލު ކުރި މީހާ ވެސް އެނގޭނެ، އަދި ފަތިސް ގަޑީގައި ބައްދަލުކުރަން އައީ ކޮން ބަޔެއްކަން ވެސް އެނގޭނެ. ދޮގު ނުހައްދަވާ؟“ މަންޑޭ ވިދާޅުވިއެވެ.

މަންޑޭ ވިދާޅުވިގޮތުގައި އެ ހާދިސާ އާއި ގުޅިގެން އަދީބުގެ އިސްތިއުފާއަށް އެންމެ ފުރަތަމަ ގޮވާލެއްވި ބޭފުޅަކީވެސް މުއާޒެވެ.

”އެދުވަހު މިޓްވީޓް ކުރި އިރު އަޅުގަނޑު އިންނާނެ މުއާޒް ކައިރީގައި. އޭރު އަދީބް ޤައްދާރަކައް ވެފަ މިއަދު ބަތަލަކަށް މިވީ ރިލޯޑް ކޮއްލިލެއް ބޮޑީތޯ؟“ މުއާޒު ވިދާޅުވިއެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ސްނައިޕަރާ ގުޅޭ ސުވާލެއްވެސް މަންޑޭ ވަނީ މުއާޒު އާއި ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޔާމީންގެ ހަށިކޮޅައް ގެއްލުންދޭން ރާވައިފައި ވާ ގޮތް މުއާޒް އާއި އޭނާ ހުއްޓާ މީހަކު އައިސް ކިޔައިދިން ކަމުގައެވެ.

”ސްނައިޕަރ ހައްޔަރު ކުރަން ދިޔަ ވެހިކަލް ގައި މަނިކްފާން ނެތްތޯ؟“ މަންޑޭ ވިދާޅުވިއެވެ.

މަންޑޭގެ މި ޓުވީޓުތަކާ ގުޅިގެން މުއާޒު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު އެނގިފައިވާގޮތުގައި މަންޑޭ އާއި ބައްދަލު ކުރުމަށް މުއާޒު ވަނީ މަސައްކަތް ކުރައްވާފައެވެ.

އެމްޓީޑީގައި މިހާރު މަސައްކަތް ކުރަމުން އަންނަ މުއާޒު އަންނަނީ އެ ޕާޓީ ބޮޑު ކުރުމުގެ ގޮތުން މެމްބަރުން އަލަށް ވެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި ސިޔާސީގޮތުން އޭނާ ފަދަ އެހެން ފަރާތްތަކަށްވެސް އޮތް ހަމައެކަނި ފުރުސަތަކީ އެމްޓީޑީ ކަމުގައި އޭނާ ވިދާޅުވެއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button