ޚަބަރުސިޔާސީ

ދަރަންޏަށް ފައިސާ ނެގޭ ގޮތަށް އިސްލާހު ކުރި މާއްދާ އުވާލަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ދަރަނި އަދާކުރަން ދަރަންޏަށް ފައިސާ ނެގޭ ގޮތަށް އިސްލާހު ކުރި މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ޕީއެންސީގެ ނައިބު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ސައީދު ހުށަހެޅުއްވީ ގަރާރުގައި ވާގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ރ. ގައި ބަޔާންކުރާ ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނުނެގޭނެ ކަމާއި، އެކަމަކު ރ. ގައި އެހެން އޮތަސް އެ މާއްދާގެ ބ. ގައި ބުނާ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި 14 ދުވަސް ތެރޭގައި އެމްއެމްއޭއަށް އަނބުރާ ދައްކާގޮތަށް އެމާއްދާގެ ހ. ގައި ބުނާ ދަރަންޏަށް ފައިސާ ނެގިދާނެ ކަމުގެ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އެޕްރީލް 2021 އިން ފެށިގެން 1 އަހަރު ދުވަހަށް އިތުރު ކޮށްފައިވެއެވެ. އެގޮތަށް އިތުރު ކުރި ހުއްދަ 26 އެޕްރީލް 2022 އިން ފެށިގެން 1 އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަތުމުން އެ މުއްދަތަށްވުރެ އިތުރަށް 2023 ގެ ޑިސެންބަރު މަހުގެ 31 އާ ހަމައަށް އިތުރު ކޮށްދިން ކަމުގައިވެސް އެ ގަރާރުގައިވެއެވެ.

ސައީދު ހުށަހެޅުއްވީ އެ ހުރިހާ ކަމެއް ބާތިލްކޮށް، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ އަކުރުތައް އިހު އޮތް ގޮތަށް ބަދަލު ކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވި ކަންކަން

1. ސަރުކާރުން ނަގަމުންދާ ލޯނުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުން

2. ދުނިޔެ ގަބޫލުކުރާ އެކައުންޓިންގެ ހަމަތަކަށް ތަބާވުން

3. ކޯވިޑް-19 ގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވުން

4. ފަތުރުވެރިކަން ރަނގަޅުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުން

5. 2022 ވަނަ އަހަރުގެ ޖީޑީޕީ 13 އިން ސައްތައަށް އަދި 2023 ގެ ޖީޑީޕީ 9.7 އިން ސައްތަ ކުރިއަރާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވުން

6. ރާއްޖޭގެ އިގްތިސާދު ރަނގަޅަށް ދާކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުން

7. ރިސޯޓުތަކުގެ ކުލި ކުޑަކުރިޔަސް ފައިދާ ބޮޑުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވުން، މިއެވެ.

ސައީދުގެ ގަރާރުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމެ އެއްކަމަކީ މިހާތަނަށް 6.5 ބިލިއަން ރުފިޔާ ޗާޕުކޮށް، ޕަބްލިކް ބޭންކު އޯވަޑްރޯ ކުރެވިފައި ހުންނަ މިންވަރު މާލީ ވަސީލަތަކަށް ބަދަލުކޮށް، އެއީ އެމްއެމްއޭއިން ސަރުކާރަށް ދޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލު ކުރުމަށް މަޖިލީހުން ފާސްކުރި ކުރުމެވެ.

އެގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާއެއް ހިފަހައްޓާފައި އޮތުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީއިން ކުރާ ކަންކަން މޮނިޓަރ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުލިބުމާއި، ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ ކަމުގައި ގަރާރުގައި ބުނެފައިވެއެވެ.

”ސަރުކާރުން ބޭނުންވާހާ ގޮތަކަށް ރައްޔިތުންގެ ބަހެއް ނެތި ހިތުހުރި ގޮތަކަށް ލޯނު ނެގުމާއި އަދި ދަރަނި ދެއްކުމަށް ލޯނު ނެގުން ފަދަ އިގްތިސާދަށް އޭގެ ނުރައްކާ ކުރިމަތިވާފަދަ ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވެގެންދޭ.“ ގަރާރުގައިވެއެވެ.

މެންބަރު ސައީދުގެ ގަރާރުގައި ބުނީ އެކަންކަމުގެ ސަބަބުން ގައުމާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button