ޚަބަރުސިޔާސީ

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުކޮށް މަސްދަރު ބިލު ތަސްދީގު ނުކުރަން ރައީސް ސޯލިހަށް ގޮވާލައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުކޮށް މަސްދަރު ބިލު ތަސްދީގު ނުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.

އެމްޖޭއާއި އެޑިޓާސް ގިލްޑުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން 30 ޖުލައި 2022 (މިދިޔަ ބުރާސްފަތި) ދުވަހު ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ އޮތް ގޮތާ މެދު އެމްޖޭއޭ އާއި އެޑިޓާޒް ގިލްޑުން ނިހާޔަތަށް ކަންބޮޑުވާ ކަމުގައެވެ އަދި އެ މާއްދާ މިހާރު އޮތް ގޮތް އިސްލާހުކޮށް މަސްދަރު ހާމަކުރެވޭނޭ ހާލަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުކަށިކޮށްފައި ނޫނީ އެ ބިލް ތަސްދީގު ނުކުރުމަށް ރައީސް ސޯލިހަށް ގޮވާލާފައި ވެއެވެ.

އެ ޖަމްއިއްޔާތަކުން ގަބޫލުކުރާ ގޮތުގައި އެ ބިލްގެ 136 ވަނަ މާއްދާ މިހާރު އޮތީ އެ މާއްދާ ފުޅާކޮށް މާނަކޮށް، ބާރުގަދަ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށެވެ.

”އެފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމްވެފައި ނެތް ގައުމެއްގައި، ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން ވެސް ވަނީ އެނގިގެން ގޮސްފަ.“ އެ ބަޔާނުގައި ވެއެވެ.

އެއީ ނޫސްވެރިޔާއާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެއް ކަމާއި، މިކަމުގެ ސަބަބުން ނޫސްވެރިން ޖަލަށް ލެވުމުގެ ފުރުސަތު ވެސް އޮތްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުނީ މަސްދަރު ހިމާޔަތް ކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި، ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވެނީ މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމުތައް ހަރުދަނާކޮށް ބައްޓަންވެފައި އޮތުމުން ކަމުގައެވެ. ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމް ނުކުރެވި، މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، އެއީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމުގައި އެ ޖަމްއިއްޔާތަކުން ދެކެއެވެ.

”މީގެ އިތުރަށް މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ، ފޮރުވިގެން ތިބެ ނޫސްވެރިންނަށް މައުލޫމާތު ދޭން ތިބި، ވިސްލް ބްލޯވަރުންނަށް ވެސް މައުލޫމާތު ދޭން ފަސްޖެހޭނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލަތަކާއި، ކޮރަޕްޝަންގެ އަމަލުތަކާއި އެހެނިހެން ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކުރުމަށް ހުރަސްއެޅިގެންދާނެއެވެ.“ ބަޔާނުގައި ވެއެވެ.

ނޫސްވެރިން ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް

އެ ޖަމްއިއްޔާތަކުން ގޮވާލަނީ އެމްޖޭއޭއިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތަށް، ބިލުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ ”ގައުމީ ސަލާމަތް“ ބިލުން އުނިކުރުމަށާއި،  މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) ގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލްގައި ހަނިކުރުމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ ”އިމިނެންޓް ތްރެޓް“ (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ވެސް ބިލް އިސްލާހުކުރަން އެ ޖަމްއިއްޔާތަކުން ގޮވާލިއެވެ.

ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް ގޮވާލައި، އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުނީ ”ނޫސްވެރިޔާ“ މާނަކުރާ ގޮތް؛ ”މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން“ ލިބޭ މައުލޫމާތު، މިގޮތަށް ބަދަލު ކުރަން ޖެހޭ ކަމުގައެވެ. އަދި މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް ”މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ، ލިޔެކިޔުމާއި، ނޯޓުތަކާއި، ފޯން ކޯލާއި، ޓެކްސްޓް މެސެޖާއި، އެ ނޫންވެސް މުއާމަލާތްތަކާއި، އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން“ ވެސް ރައީސް ސޯލިހަށް ގޮވާލާފައިވެއެވެ.

އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކުރާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެފަރާތުން ހުށަހަޅަނީ މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި ”ނެސެސިޓީ“ އަދި ”ޕްރޮޕޯޝަނަލިޓީ“ ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށެވެ. އަދި ބިލްގެ 136 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަމްބަރު އުވާލަން ވެސް ގޮވާލިއެވެ.

ބިލްގެ 136 ވަނަ މާއްދާގެ (ނ) (4) ”ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން“ އެއިބާރާތުގައި ވާ ހާލަތަކީ ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުމަށް ވުރެ ބޮޑަށް، ބެލެވޭ ގޮތެއްގެ މައްޗަށް ނުވަތަ ކުރެވޭ ހީއެއްގެ މައްޗަށް ގޮތް ނިންމަން ޖެހޭ ހާލަތެއްކަމުން އެ މާއްދާ އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ ބިލްގެ 136 ވަނަ މާއްދާގެ (ނ)ގެ (6)ގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ އެ ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެ އިބާރާތުގެ ބަދަލުގައި، ”ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން“ އެގޮތަށް ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.

ބަޔާނުގައި ވާގޮތުން މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް އެ މާއްދާގެ ތަފްސީލުގައި ބަޔާންކޮށްފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި އެ ޖަމްއިއްޔާތަކުން ގަބޫލުކުރެއެވެ.

އިތުރަށް ބަޔާނުގައި ބުނީ ބިލް މަޖިލީހަށް ފާސްކުރީ އެމްޖޭއޭއިންނާއި އެމްއެމްސީއިން ނޫސްވެރިންގެ ހައްގުގައި ބިލަށް ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި ކަމަށާއި، ކޮމިޓީގައި ހަ މަސް ވަންދެން އޮތް އެ ބިލު ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އަވަސްކޮށްލައިގެން ފާސް ކުރި އިރު، ކޮމިޓީއިން ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ ވަގުތެއް ދިން ކަމަށް އެ ޖަމްއިއްޔާތަކުން ގަބޫލު ނުކުރާ ކަމުގައެވެ.

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުގެ ބަޔާން ނިންމާލަމުން ބުނީ ނޫސްވެރިކަމަށް ގެއްލުންވާ ގޮތަށް ބައްޓަން ކުރެވިފައިވާ އެ ބިލަށް ބަދަލުތައް ގެނައުމަށް އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ނުކުރައްވައި، ބިލު އަނބުރާ މަޖިލީހަށް ފޮނުވާލަން ޖެހޭ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button