ޚަބަރު

އެހީވާނެ އެކަކުވެސް ނެތް، ރައީސް ޔާމީނަށް އެއްޗެހި ކިޔުނީތީ ދެރަވޭ: ރިޟްވާންގެ ބައްޕަ

ގެއްލުވާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އަށް އިންސާފު ހޯދައި ދިނުމުގައި އެހީވާނެ އެއްވެސް މީހަކު ނެތް ކަމަށާއި، ރިޟްވާންގެ ގެއްލުވާލުމާ ގުޅުވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެއްޗެހި ކިޔުނީތީ ދެރަވާ ކަމުގައި ރިޟްވާންގެ ބައްޕަ އަބްދުﷲ މޫސާ ބުނެފިއެވެ.

ޗެނަލް 13 އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަބްދުﷲ ބުނީ ރިޟްވާން ގެއްލުވާލުމުގައި ރައީސް ޔާމީންގެ ”އަތެއް“ ނުވާކަމަށް މަރު ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވި ދުވަހުން ފެށިގެން އެކަން ގަބޫލު ކުރި ކަމުގައެވެ. އަދި ރައީސް ޔާމީނަށް އަމާޒުކޮށް އެއްޗެހި ކިޔުނީ ރިޟްވާނަކީ އޭނާގެ އުފަން ދަރިފުޅަށް ވެފައި ކުރި އަސަރެއްގެ ބޮޑުކަމުން ކަމުގައި އޭނާ ބުންޏެވެ.

”ކާރުގެ (ރިޟްވާން އެރުވި ކާރު) ވެރި މީހާވެސް އެނގޭ. ދެން އެހިސާބުން ނުބެލުނީމާ. ދެން އެއްވެސް ބަޔަކު ނުބަލައިދިން. އެކަމަކު ހުސްނުއް ސުއޫދު އެކަން ނުބުނާހާ ހިނދެއްގަ މަގޭ ކުޑަ ބަރެއް، ހިތެއް އޮންނާނެތާ.“ އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ބުނިގޮތުގައި ރައީސް ޔާމީންގެ އިސްތަށިފުޅުގައި ރިޟްވާން ގެއްލުވާލުން އެޅުވުމަށް އަދުގެ ކޯލިޝަން ސަރުކާރުގެ ވެރިން އިސްވެ ތިބެ ކުރިން ދެއްކި ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހާސިލް ކުރަން ކުރި ކަމެކެވެ.

”ހިތުގެ އަޑިން އެކަން ގަބޫލު ކޮށްފިން. އޭނާ (ރައީސް ޔާމީން) ނޫކުރިޔަސް ކަންތައް ކުރާނެ މީހުން އުޅޭނެ. ޔާމީން ބުނި އެކަން ބަލަން ތިބި ބަޔަކު ބަލާނެ އޭ. ތަހުގީގުގަ އޮތީ ގޯސް ހަދާފަ. ވައްކަން ކޮށްފަވެސް މިކިޔަނީ ޔާމީން ވައްކަން ކުރިއޭ. ޔާމީނަށް ރާޅު ބިންދާލީ. އަޅުގަނޑު ގަބޫލެއް ނުކުރަން ޔާމީން ވައްކަން ކުރިކަމަކަށް. ލާރި ކޭ އެންމެވެސް. އިބްރާހީމް ސޯލިހު (ރައީސް އިބްރާހީމް މުހައްމަދު ސޯލިހު) ވެސް ލާރި ކެއޭ.“ ރިޟްވާން ގެ ބައްޕަ ބުންޏެވެ.

އަބްދުﷲ ބުނިގޮތުގައި އޭނާ ދެން އެންމެ ބޮޑަށް އެދޭ ކަމަކީ ރައީސް ޔާމިން އާއި ބައްދަލު ކުރުމެވެ. އަދި ބައްދަލު ކޮށްފައި ދަރިފުޅު ރިޟްވާނަށް ކޮށްދެވޭ ނީ ކޮންކަމެއް ތޯ އެދެން ބޭނުން ކަމުގައި ބުންޏެވެ. ގިސްލަމުން އަބްދުﷲ ބުނީ އެހީވާނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ޔާމިނާ ބައްދަލު ކުރަން ބޭނުން ކަމުގައެވެ.

”އެ ކުއްޖާ ހޯދުމުގަ. އެކަން ބަލަން. މިހާރު އަހަންނަށް އެނގިއްޖެ (މިސަރުކާރުގަ ) އެކަން ނުވާނެ ކަން.“ އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ބުނީ ރައީސް ޔާމީނަށް އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ރިޟްވާން ހޯދުމަށް އެމަނިކުފާނުގެ ސަރުކާރުގަ ފެށި މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައެވެ.

”އަޅުގަނޑު ބޭނުން އޭނާ ( ރައީސް ޔާމީން ) އަށް ވެރިކަން ލިބޭތޯ މަސައްކަތް ކުރުންވެސް އަޅުގަނޑު. ވަރަށް ބޮޑަށް އެދޭކަމެއް އެއީ. ކަމެއް ކުރެވޭނީވެސް ބާރެއް ލިބިގެން ދޯ.

ނޫސްވެރިޔާ ރިޟްވާންގެ ބައްޕަ ބުނީ ދަރިފުޅުގެ މައްޗަށް ކަށު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުގެ އަރިހަށް ދިޔަނަމަވެސް އެކަމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button