ޚަބަރުސިޔާސީ

ބޮޑީގާޑުން އަމަލުކުރިގޮތް ”ގެއްލުވާލަން“ އެމްއެންޑީއެފްގެ ވެރިންނަށް މަސައްކަތެއް ނުކުރެވޭނެ: ނަޝީދު

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުން އަމަލު ކުރިގޮތް ގެއްލުވާލަން އެމްއެންޑީއެފްގެ އެންމެ މަތީ ވެރިން މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާ އާއި ގުޅޭ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ދަނޑިވަޅެއްގައި، ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަކީ އުސޫލާ ހިލާފް ކަމެއް ކަމަށް ބުނެ އެމްއެންޑީއެފުން ނެރުނު ބަޔާނަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެމްއެންޑީއެފްގެ ބަޔާން އާންމުކޮށްފައިވާ ޓުވީޓު ރިޓުވީޓު ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ބޮން ގޮއްވާލި ވަގުތު، ކައިރީގައި ތިބި މޮޅު ބޮޑީގާޑުންނަށް ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް ކަމަށެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ މައްސަލައިގައި ވަކި ވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި އެކަމަށް ޖަވާބުދާރީވާނީ އެ މުއައްސަސާއިން ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އާންމު ސިފައިންގެ މީހަކު ކަން ކޮށްފައި އޮތް ފުރިހަމަ ގޮތް ގެއްލުވާލުމަށް އެމްއެންޑީއެފްގެ އެންމެ މަތިން ނިންމުމެއް ނިންމައިގެން ނުވާނެކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ 2 ބޮޑީގާޑަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އެކަމަކު ބޮޑީގާޑުން ވަނީ ހާދިސާ ހިނގިތާ ބަރާބަރު 7 މިނިޓް ތެރޭގައި އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ނަޝީދުގެ ސަޕޯޓަރުން ވަނީ އެ ދެ މީހުން އެހާލަތުގައި އަމަލުކޮށްފައިވާ ގޮތަށް ތައުރީފު ކޮށްފައެވެ. އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނީ ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީގެ އިތުތުން އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button