ޚަބަރުސިޔާސީ

އިންޑިއާއާއެކު މިސަރުކާރުން ހަދާ އެއްބަސްވުންތަކުގެ އާހިރު ނަތީޖާއަކީ ކޮބައިކަމެއް، އެމްއެމްއޭގެ ގަވަރުނަރަށްވެސް ނޭނގޭ!

އިންޑިއާއާއެކު މިސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކާއި ގުޅިގެން މުސްތަގުބަލުގައި ރާއްޖެއަށް އެއިން ކުރާނެ އަސަރުތަކާއި ގެއްލުންތަކެއް، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރަށްވެސް ނޭނގޭކަމަށް، ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އިއްޔެ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުން އިއްޔެ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ބައްދަލުކުރެއްވުމަށް ވަޑައިގެން، މި ސަރުކާރުން އިންޑިއާގެ އެހީގައި ނަގާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތަކާ ބެހޭގޮތުން ސުވާލުކުރުމުން، އެ ރޭޓުތަކަކީ ކޮބައިކަމެއްވެސް ގަވަރުނަރަށް ވިދާޅުވެނުދެއްވުނުކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅުން އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވަން ވަޑައިގަތީ، ރާއްޖޭގެ އަސާސީ މުދާ ގަންނަން ބޭނުންވާވަރަށްވެސް ބޭރު ފައިސާ ނެތި، އޭގެ ރިޒާމް ދަށްވަމުންދާކަމުގެ ކަންބޮޑުވުން ރައްޔިތުންވެސް ފާހަގަކުރާތީ އެކަމާ ގުޅިގެންނެވެ. އަދުރޭ ވިދާޅުވީ، ގަވަރުނަރާ ބައްދަލުކުރެއްވުމުން، އަދި އެކަންބޮޑުވުންތައް އިތުރުވީކަމަށާއި، ރައްޔިތުން ދައްކާ ވާހަކަތަކަކީ ސައްހަ ތެދުކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާ އިން ނަގާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ފަދަ މުހިންމު ތަފްސީލުތައް ގަވަރުނަރަށް ނޭގުންކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ސުވާލުކުރެއްވުމުން، މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ވާވަރަށް ބަޖެޓު އޮތްކަމަށާއި، އެހާތަނަށް ހިފަހައްޓާލެވިދާނެކަމަށް ގަވަރުނަރު ވިދާޅުވިކަމަށާއި، ނަމަވެސް 2023 ވަނަ އަހަރުގެ ބަޖެޓު މިހާރު ފާސްކޮށްފައިވަނީ އެމްއެމްއޭއިން ހިއްސާކުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެއްނެތިކަމަށް ގަވަރުނަރު ވިދާޅުވިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަންތައް މިހެން އޮތްއިރު، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ވެރިޔަކަށް ހުންނަވައި، އެ މަގާމުގެ ޒިންމާ މިނިވަންކަމާއެކު އަދާކުރެއްވުމަށް ކިހާވަރެއްގެ ޖާގައެއް އޮތްތޯ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ސުވާލުކުރެއްވުމުން އެކަމަށް ސީދާ ޖަވާބެއްވެސް ގަވަރުނަރު ނުދެއްވާކަމަށްވެއެވެ.

އަދުރޭ ވިދާޅުވީ މަރުކަޒީ ބޭންކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މައުލޫމާތެއް މަރުކަޒީ ބޭންކަށް ލިބިފައިނުވާއިރު، ދެން އެންމެ ރަނގަޅުވާނީ އެމަގާމުން، ގަވަރުނަރު އިސްތިއުފާ ދެއްވުމެވެ.

”މިއީ މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ، ސެންޓްރަލް ބޭންކް މިތަނަކީ. މިތަނުގައި ހުންނަ އެންމެ އިސްވެރިޔާއަށް މިމީހުން (ސަރުކާރު) ހިންގާ މާލީ މުއާމަލާތްތަކުގެ ތަފުސީލު ނޭނގުމަކީ ހަގީގަތުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް“ އަދުރޭ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވިކަމަށްވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button