ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ސަބަބުން ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ”ޗައިލްޑް ސޭފްގާޑިން ޕޮލިސީ“ އިފްތިތާހުކުރުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮލިސީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ ބައިވެރިވުމާއެކު އެކުލަވާލި ޕޮލިސީއެކެވެ.
މި ޕޮލިސީ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މި ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
މި ސިޔާސަތަކީ މުޅި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ސިޔާސަތެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ. އަދި މި ސިޔާސަތަކީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒު ކުރުމުގައި އާއިލާތަކާއި، މަދަނީ ޖަމްއިޔާތަކާއި އަދި މުޅި މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
”ޗައިލްޑް ސޭފްގާޑިން ޕޮލިސީ“ އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަމަލުކުރާނެ ސިޔާސަތެވެ. މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.