ޚަބަރުސިޔާސީ

ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް މާރިޔާގެ ގެކޮޅުގެ ދޮރުމައްޗަށް ”އިންޑިއާ އައުޓު“ ކަރުދާސްތައް އަޅައިފި

ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާ އާއި ދެކޮޅަށް ހިންގާ ކެމްޕެއިންގެ ދަށުން ”އިންޑިއާ އައުޓު“ ކަރުދާސްތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅު ކުރިމައްޗަށް އަޅައިފިއެވެ.

”އިންޑިއާ އައުޓު“ ކަރުދާސްތައް އަޅާފައިވާއިރު، މިނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި، އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް، އެތަކެތި މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ، އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި އެޕާޓީގެ ޒުވާނުންގެ ހަރަކާތުގައި އިސްކޮށް އުޅޭ އަލީ ނަސީމެވެ.

ރޭގެ ވަގުތެއްގައި އިންޑިއާ އެމްބަސީ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅު ކަމަށްވާ މ.މާފަންނު ވިލާ ފާރުގައި ”އިންޑިއާ އައުޓު“ ސްޕްރޭ ކޮށްފައިވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅު ކުރިމައްޗަށްވެސް މި ކަރުދާސްތައް އަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button